Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

ޑްރަގްސް ވިއްކި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތި ވިއްކި މީހަކު އުމުރަށް ޖަލަށް ލައި، 400،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެ ހުކުމް އިއްޔެ އިއްވީ މާލޭ ހ. ބްލޫބާޑުގޭ ހުސައިން އަބްދުﷲގެ މައްޗަށެވެ. އޭނަގެ މައްޗަށް ދައުލަތުން އުފުލީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

އިތުރު ބަޔަކާ ގުޅިގެން ހުސައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ބޭނުންކޮށް އޭގެ ވިޔަފާރި ކުރުމަށް ގ. ކޯޒީގޭގެ ދެވަަނަ ފަންގިފިލާ ކުއްޔަށް ހިފައިގެން އުޅޭކަމުގެ އިންޓެލް މައުލޫމާތު މިދިޔަ އަހަރުގެ ފެބްރުއަރީގައި ފުލުހުންނަށް ލިބިގެން އޭނަ އަތުލައިގަތެވެ. އަދި ހައްޔަރުކުރި ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ އެޕާޓްމަންޓަށް ގޮސް ބަލައިފާސްކުރި އިރު، 50 ގްރާމުގެ ޑައިމޯފިން ހުރި ޕެކެޓެއް ފެނިފައި ވެއެވެ. އޭގެ އިތުރުން 24.8 ގްރާމާއި 0.2 ގްރާމުގެ ޑައިމޯފިން ފެނިފައިވެ އެވެ.

އަދި އެ އެޕާޓްމަންޓުގެ ބަދިގޭ ސިންކު އަށިދަށުން ދެ ޑިޖިޓަލް ކައްޓާއަކާއި ކަރުހާދުން ހަދާފައިވާ ތިން ސަމުސާ ވެސް ފެނިފައިވެ އެވެ.

މީގެ އިތުރުން ހުސައިންގެ އަތުގައި އޮތް ދަބަހަކުންނާއި އެޕާޓްމަންޓުގެ ތެރެއިން 261،000ރ. ރުފިޔާ ވެސް ފެނިފައިވެ އެވެ. އަދި އެއީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ކަމަށް ބެލެވޭތީ، ދައުވާގައި އެ ފައިސާ ދައުލަތަށް ނަގައި ދިނުމަށް އެދިފައިވެ އެވެ.

ހުސައިންގެ މައްޗަށް ހުކުމް އިއްވީ ޝައްކެއް ނެތް މިންވަރަށް މައްސަލަ އޭނަގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅަ އެވެ. އެ ގޮތުން އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބެއްގެ ގޮތުގައި އޮތީ އުމުރަށް ޖަލަށްލުމާ އެކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ނަމަވެސް ހުކުމުގެ ކުރިން އެއް އަހަރާއި ނުވަ މަސްދުވަހު ހުސައިން ބަންދުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު ޖަލު އަދަބުން ކެނޑުމަށް ފަހު ހުކުމްކުރީ 23 އަހަރާއި ދެ މަހާއި 25 ދުވަހުގެ ޖަލު އަދަބަކާއެކު 400،000ރ. ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.