ދުޅަހެޔޮ ޖީލަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމު އިފުތިތާހުކޮށްފި އެެވެ.
މި ޕްރޮގްރާމް އިއްޔެ ކުޅުދުއްފުށީގައި އިފުތިތާހުކޮށް ދެއްވީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފެވެ.
އެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މިއީ ކުޅިވަރުގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިޔުމަށް ފެށި މުހިންމު މަސައްކަތަކެއް ކަމަށެވެ. އަދި މިއީ ސިއްޙަތާއި ދުޅަހެޔޮ ކަމަށް މުހިންމު ފިޔަވަޅުތަކެއް އެޅޭނެ ޕްރޮގްރާމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައި ވެސް ކުރިއަށް ގެންދާ ކުޅިވަރުގެ ހަރަކާތްތަކަކީ އެކަމަށް ފަންނީ މީހުންނާއެކު ހިންގޭ ހަރަކާތްތަކެއް ހެދުން ކަމަށެވެ. އަދި ކުޅިވަރާއި ކަސްރަތުން ފަންނީ ހުނަރުވެރިކަން ފުޅާކުރުމަށްޓަކައި އެ ދާއިރާއިން ޒުވާނުން ތަމްރީންކޮށް އާމްދަނީ ހޯދޭނެ ގޮތް ތަނަވަސްކޮށް ދިނުމަކީ ސަރުކާރުގެ ވަޢުދެއްކަމަށް ވެސް ރާފިއު ވިދާޅުވި އެވެ.
"މި ޕްރޮގްރާމް ހުރިހާ އަތޮޅުތަކަށް ކުރިއަށް ގެންގޮސް އެކަމުގެ ފައިދާ ކުރާނެ. ޑިސެމްބަރު މަހުގެ 26 ގެ ނިޔަލަށް މި ޕްރޮގްރާމް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރަން." މިނިސްޓަރު ވިދާޅުވި އެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރަމްގެ ތެރެއިން ރާއްޖޭގެ އަތޮޅުތައް 6 ޒޯނަކަށް ބަހާލައިގެން ލީޑަރުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު އޮތީ ފަށާފައެވެ. އެގޮތުން ޒޯން 1 ގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގެ ރަށްރަށުގައި ހިމެނޭ ސްޕޯޓްސް ކައުންސިލަރާއި އާއި ޔޫތު އެސޯސިއޭޓުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެ އެވެ.
މި ޕްރޮގްރާމްގައި ސްޕޯޓްސް ކައުންސިލާސް އާއި ޔޫތު އެސޯސިއޭޓުންގެ ޒިންމާތަކާއި އެމީހުންގެ ރޯލަކީ ކޮބައިކަމާއި ކުޅިވަރާ ބެހޭ ވުޒާރާގެ މެންޑޭޓުގައިވާ ކަންތައްތަކަކީ ކޮބައިކަން ހިއްސާކޮށް އަހުލުވެރިކުރުމަށް ހަމަޖެހިފައިވެ އެވެ. ތަމްރީން ޕްރޮގްރާމްގެ ތެރެއިން ފިޒިކަލް އެކްޓިވިޓީސްތަކާއި ތިޔަރީ ކްލާސްތައް ހިމެނޭ ގޮތަށް ލީޑަޝިޕް ހުނަރުތަކާއި މެނޭޖްމަންޓް ސްކިލްސް އުނގަންނައި ދިނުމަށް ހަމަޖެހިފައިވެ އެވެ.