މިދިޔަ މަހުގެ ތެރޭގައި ޑާކް ރެއިން އެންޓަޓައިންމަންޓުން ޝޫޓިން ފެށި އެ ސްޓޫޑިއޯގެ އާ ވެބް ސީރީޒް "ރޯލީމޭ" ގެ ކާސްޓާ އިތުރު ތަރިންތަކެއް ގުޅިއްޖެ އެވެ.
މިއީ މިދިޔަ މަހު އެތަނުން ގެނެސްދިން ފިލްމު "ބިބީ" ގެ ޑައިރެކްޓަރު ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ 15 އެޕިސޯޑްގެ ސީރީޒެކެވެ.
"ރޯލީމޭ" ޝޫޓިން ފެށީ ކާސްޓަށް ނުޒުހަތު ޝުއައިބް (ނުޒޫ) އާއި މޫސާ އަލީފް ލައިގެންނެވެ. އޭގެ ފަހުން މީގެ ކާސްޓަށް އިތުރުވި ތަރިންގެ ތެރޭގައި މިހާރު ޑާކް ރެއިންގެ ގިނަ އުފެއްދުންތަކުން ފެންނަ ޝަރަފު އަބްދުﷲ އާއި ޑާކް ރެއިން އެންމެ އާންމު އެއް ބަތަލާ ކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން އައިމިނަތު ޝުހާ ހިމެނެ އެވެ.
"ރޯލީމޭ" އިން ތަޖުރިބާކާރު ތަރިން ކަމަށްވާ ޝީލާ ނަޖީބާއި ހަސަން މަނިކު (ރޯނު) ވެސް ފެންނާނެ އެވެ.
މި ސީރީޒަކީ ޑާކް ރެއިންނާއި މީޑިއާނެޓް ގުޅިގެން ހަދާ އެެއްޗެކެވެ. އެހެންވެ "ރޯލީމޭ" ބެލުންތެރިންނަށް ގެނެސްދޭނީ މީޑިއާނެޓް ޕްލެޓްފޯމްތަކުންނެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ސީރީޒްގެ ޝޫޓިން މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ލަސްތަކެއް ނުވެ "ރޯލީމޭ" ބެލުންތެރިނާ ހަމައަށް އަންނާނެ ކަމަށެވެ. ޑާކް ރެއިނުން ބުނީ ސީރީޒް ނިންމައި އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި މީޑިއާނެޓާ އެ ހަވާލުކުރަން ޖެހޭ ކަމަށެވެ.
އެ ސްޓޫޑިއޯ އިން ވެސް ކުރިން މަގުބޫލު ސީރީޒްތަކެއް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި "ރޫމިއާ ޖަންނަތު" އަދި "ގިރިޓީ ލޯބި" ހިމެނެ އެވެ.