މި މަހުގެ 20 ގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ދޭދަރު ރުއިން" ގެ ރަސްމީ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދޭ މި ފިލްމަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އައްޒާމް ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ކްރައިމް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "ދޭދަރު ރުއިން" ގައި ހިއުމަން ޓްރެފިކިން އާއި ގެވެށިނިއަނިޔާ ފަދަ ދިވެހިންގެ ތެރޭގައި މިހާރު ހުރި އިޖުތިމާއީ އެކި ކަހަލަ ބޮޑެތި މައްސަލަތަކަށް އަަލިއަޅުވާފައި ހުންނާނެ އެވެ.
މީގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާޒިފް މުހައްމަދުގެ އިތުރުން މޫސާ ރަޝީދެވެ.
އައި ފިލްމްސް އާއި ކަޒްމިކް ގުޅިގެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ. އަދި އައި ފިލްމްސް އިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި އެޅުވި ބިރުވެރި ފިލްމު "ކަންބަޅި" އެވެ.
"ދޭދަރު ރުއިން" އަކީ މި އަހަރު އޮލިމްޕަހަށް ގެންނަ 12 ވަނަ ފިލްމެވެ.
އެތަނުގައި އެންމެ ފަހުން ޕްރީމިއާކުރުި ފިލްމަކީ ކެމެރާމަން ކޮކޯ ހަސަން ހަލީމް ޑައިރެކްޓްކޮށް، މިދިޔަ މަހުގެ 29 ގައި ޕްރީމިއާކުރި "ގެއްލުނު ރެ" އެވެ.