Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު

ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކަށް 699

ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކަށް 699.6 މިލިއަން ހިމަނައި ދިނުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެދިވަޑައިގެންފި އެވެ.

އެކަމަށް މިނިސްޓަރު އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދާރީ މޭޒުން މެންބަރުންނަށް އިއްވާފައިވެ އެވެ.

އެ ސިޓީގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ކައުންސިލްތަކަށް ދޫކުރާ ރާވާފައިވާ ބްލޮކް ގްރާންޓް އަދަދަކީ 1.4 މިލިއަން ރުފިޔާ ކަމަށެވެ. އަދި ބަޖެޓުގައި ބްލޮކް ގްރާންޓް ހިސާބުކުރުމުގައި ލާމަރުކަޒީ ގާނޫނު މިހާރު ކަނޑައަޅާފައިވާ މިންގަނޑުގައި ހިފަހައްޓާ ބޭނުން ވާނެ ކަމަށް ލަފާކުރާ 699.6 މިލިއަން ރުފިޔާ ބަޖެޓުގެ ޖުމްލަ އަދަދު އިތުރު ނުވާ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ބަދަލުކޮށް ދެއްވުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.

އެހެންވެ މިނިސްޓަރުގެ އެ ސިޓީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ފޮނުވައިފަ އެވެ.

މި އަހަރަށް 2.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކައުންސިލުތަކަށް ފާސްކޮށްދީފައި އޮތް ނަމަވެސް އަންނަ އަހަރަށް ކައުންސިލުތަކަށް ދޭން ނިންމާފައިވަނީ 1.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެކަމާ ހެދި އެކި ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށް މެންބަރުންނާއި ސަރުކާރަށް ފާޑު ކިޔާފައިވެ އެވެ.

އެކަމާ ގުޅިގެން ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ބަޖެޓު ފާސްކުރާ އިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.