ހަރަދު ކުޑަކުރަން މި ސަރުކާރުން ވަކިކުރި ކަމަށް ބުނާ ސިޔާސީ އެއްވެސް މުވައްޒަފަކު މިހާތަނަށް ލޮލަށް ނުފެންނަ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި 248 ސިޔާސީ މުވައްޒަފަކު މިހާތަނަށް މަގާމުން ވަކިކޮށްފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރައްޔިތުން އެމްޑީޕީގެ ވެރިކަން ބަދަލުކުރީ އެއަށް ވުރެ ރަނގަޅަށް ކަންކަން ކުރުމުގެ ބޭނުމުގައި ކަމަށާއި ނަމަވެސް މިހާރު ކަންކަން ދަނީ އެއަށް ވުރެ ގޯސްކޮށް ކަމަށެވެ.
ސަރުކާރުން ރައްޔިތުންނަށް ފެންނަ ގޮތަށް ސާފުކޮށް ކަންކަން ކުރަންޖެހޭ ކަމަށާއި ސަރުކާރުން ވަކިކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފަކު ވެސް މިހާތަނަށް ލޮލަށް ނުފެންނަ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"ކަރުދާހުން އެ ބޭފުޅުން ވަކިކުރީ ކަމެއް ނޭނގޭ، އަޅުގަނޑަކަށް ނުފެނޭ ކަނޑާލި އެންމެ މީހަކު ވެސް. ލޮލަކަށް ނުފެނޭ. ރައްޔިތުންނަށް އެކަން ސާފުވާންޖެހޭ،" ޣަފޫރު ވިދާޅުވި އެވެ.
ސަރުކާރުން ސިޔާސީ މުވައްޒަފުންތަކެއް ވަކިކުރިކަން އިއުލާންކުރި ނަމަވެސް އެކަން ހަރަދުން ނުދައްކާ ކަމަށާއި އަދި އޮފީހަށް ނުދާ މީހަކު ވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ރައްޔިތުންނަށް އެނގޭ ގޮތަށް ސާފުކޮށް ކަންކަން ކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
ވަކިކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުންގެ ތަފުސީލުތައް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވި ނަމަވެސް އެކަން އިއުލާނުކުރެއްވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށެވެ.
މި ބަދަލާއެކު މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.