Last Updated: December 22, 17:08
Sunday, December 22, 2024
ދުނިޔެ

ހަނގުރާމަތައް ހުއްޓުވާނަން: ޓްރަމްޕް

ހަނގުރާމަތައް ހުއްޓުވާނެ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ކާމިޔާބަށް ފަހު ސަޕޯޓަރުންނާއި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ހަނގުރާމައެއް ހިނގާފައި ނެތް ކަމަށާއި އޭގެ ބަދަލުގައި އެމެރިކާ އިން ކުރި ކަމަކީ އައިއެސް ހަނގުރާމަވެރި ޖަމާއަތް ބަލިކުރުން ކަމަށެވެ.

"ހަނގުރާމައެއް ނުފަށާނަން. އޭގެ ބަދަލުގައި ހަނގުރާމަތައް ހުއްޓުވާނީ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ،78، އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވަނީ ރަޝިޔާ-ޔުކްރޭން ހަނގުރާމަ އެއް ދުވަސްތެރޭ ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގާ ގަތުލްއާންމު ވެސް ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނައުމަށް ޓްރަމްޕް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ގޮވާލާފަ އެވެ.

ހަނގުރާމަތައް ހުއްޓުވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް މިހާތަނަށް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ވާދަކޮށްގެންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓުގެ ތެރެއިން ޓްރަމްޕް އުޅުއްވަނީ 267 އިލެކްޓޯރަލް ވޯޓުން ކުރީގަ އެވެ. އިންތިޚާބު ކާމިޔާބު ކުރަން ޓްރަމްޕަ ދެން ބޭނުން ވަނީ އެންމެ ތިން އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އަދިވެސް ބައެއް ސްޓޭޓްތަކުގެ ވޯޓުގެ ނަތީޖާ އިއުލާންކޮށްފައި ނުވާއިރު، އޭގެ ތެރެއިން ބައެއް ސްޓޭޓްތަކުން ޓްރަމްޕް ކުރި ހޯއްދަވާނެ ކަމަށް މިހާރު ވެސް ވަނީ ބެލެވިފަ އެވެ.

ކަމަލާ އަށް ލިބިފައި ވަނީ 214 އިލެކްޓަރުންގެ ވޯޓެވެ. އެހެންކަމުން މި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ކަމަލާ އަށް މިހާރު ވަނީ ބަންދުވެފަ އެވެ.

މިއީ ޓްރަމްޕްް އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ދެވަނަ ފަހަރެވެ. އޭނަ އެމެރިކާގެ ރައީސްކަން ފުރަތަމަ ކުރެއްވ 2016-2020 އަށެވެ.