7 އޮގަސްޓް 2008 ވަނަ ދުވަހު ތަސްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީ ވެގެން ދިޔައީ، ރައްޔިތުންނަށް ގިނަ ޙައްޤުތަކެއް ލިއްބައިދިން ޤާނޫނުއަސާސީއަކަށެވެ.
މީގެ ތެރެއިންވެސް ތަޙްޤީޤީ އިދާރާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވި ކަމަށް ފެނުނު ޙައްޤަކީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ދަށުން ލިބިދެވުނު ހަނުހުރުމުގެ ޙައްޤު ލިބިފައިވާކަން އެނގިގަތުމުގެ ޙައްޤެވެ. ޤާނޫނުއަސާސީގެ މިމާއްދާގެ އިބާރާތަކީ “ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެއްކަން އެމީހަކަށް އަންގައި އެޙައްޤު ލިބިގަތުމުގެ ފުރުޞަތު އެމީހަކަށް ލިބިދޭންވާނެއެވެ” މިހެންނެވެ
މިމާއްދާ ޤާނޫނުއަސާސީގައި ލިޔެވުމާއެކު، ތަޙްޤީޤީ އިދާރާތަކުގެ ކަންބޮޑުވުންތައް އޮއްސާލީ، ކުށެއްގެ ތުޙުމަތުގައި ހައްޔަރުކުރާ މީހާ އަމިއްލަޔަށް އެކުށެއްކުރި ކަމަށް ބުނެ އިޢުތިރާފުވުން ފިޔަވައި، މައެްސަލައެއް ތަޙްޤީޤުކުރެވޭނޭ އިތުރު އެއްވެސް މަގެއް ނެތޭ ހީވާ މިންވަރަށެވެ. 2008 ވަނަ އަހަރުން ފެށިގެން އޮތް މި ބޮޑު ހުރަސް ނައްތާލުމަށްޓަކައި، މި ޙައްޤު ހަނިކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން ވަނީ ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އަށް ފުރަތަމަ އިސްލާޙް ގެނައުމުގެ ޤާނޫނު ފާސްކޮށްފައެވެ. އެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ “ކުށެއްގެ ތުޙުމަތުގައި ހައްޔަރުކުރެވޭ މީހާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ޙައްޤު ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދީފައިވީނަމަވެސް، މި ޤާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާއާ ދެމެދުގައި ހިމެނޭ ކުށެއްގެ ތުޙުމަތުގައި ހައްޔަރުކުރެވޭ މީހާއަށް އެ ޙައްޤު އެއްވެސް މިންވަރަކަށް ލިބިގެންނުވެއެވެ.”
ޤާނޫނުގައި މިޢިބާރާތުން ލިޔެވުނު ނަމަވެސް، ހަނު ހުރުމުގެ ޙައްޤުގެ ޠަބީޢަތާއި، ޤާނޫނުއަސާސީގެ ދަށުން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާ އަޅާކިޔާލުމުން، ހަނުހުރުމުގެ ޙައްޤު މުތުލަޤަށް ހިފެހެއްޓީކަމަށް ޤާނޫނެއްގައި ލިޔުމަކީ އޭގެ ސަބަބުން ތަޙްޤީޤަށް ކުރިއެރުމެއް އަންނާނޭ ކަމެއް ނޫންކަމަށް އަޅުގަނޑަށް ވިސްނެއެވެ.
ހަނުހުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބެނީ ޤާނޫނުއަސާސީގައި ހަނު ހުރެވިދާނޭކަމަށް ލިޔެފައި އޮތުމުން ނޫންކަމާއި، އެއީ ޠަބީޢީ ޙައްޤެއްކަން އެންމެ ފުރަތަމަ ދެނެގަންނަންޖެހެއެވެ. އަދި ޤާނޫނުއަސާސީގެ އިބާރާތަށް ބަލާއިރު، ހަނުހުރުމަކީ ފެށުނީއްސުރެ ލިބިގެންވާ ހައްޤެއްކަން ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭކަމާއި، ހަނުހުރުމާ ގުޅޭ މާއްދާއެއް ޤާނޫނުއަސާސީގައި ހިމަނާފައިވަނީ، ހައްޔަރުކުރެވޭ މީހާއަށް އެޙައްޤު ލިބިފައިވާކަން އޭނާއަށް އޮޅުން ފިލުވައިދިނުން ހައްޔަރުކުރާ ފަރާތުގެ މައްޗަށް ލާޒިމުކުރުމުގެ މަޤްސަދުގައި އެކަނިކަން އެނގެެއެވެ.
މި ޙަޤީޤަތުގެ އަލީގައި ޤާނޫނުއަސާސީގެ އަންނަނިވި މާއްދާތަކަށް ނަޒަރުކުރުމުން ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އިން ހަނުހުރުމުގެ ޙައްޤު މިހާރު ހިފަހައްޓާފައިވާ ގޮތުން އެކަމުގެ މައްޗަށް ހިނގާނޭ ޤާނޫނީ އަސަރެއް ނެތްކަން ސާފުވާނޭކަމަށް ދެކެމެވެ.
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކުރަނީ " މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެންނުވާނެއެވެ." މީގެ އިތުރުން ޤާނޫނުއަސާސީގެ 54 ވަނަ މާއްދާގައި ބަޔާންކުރަނީ “އެއްވެސް މީހަކަށް، ރަހުމުކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެނެއް ނުވާނެއެވެ. އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެނެއް ނުވާނެއެވެ. އަދި އެއްވެސް މީހަކަށް އަނިޔާކޮށްގެނެއް ނުވާނެއެވެ.”
ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ މީހާއާ ސުވާލު ކުރެވޭ ހިނދު، “އަޅުގަނޑުގެ ނަމަކީ ޢަބްދުﷲ ހާބިރު. ހ.ބިނާވެށި، އުމުރު 43 އަހަރު. ދެން އަޅުގަނޑު ހުންނާނީ ހަނު” އޭ ބުނެ ހައްޕު ކިޔައިގެން އިންނަ މީހާގެ ކިބައިން ބަޔާނެއް ހޯދުމަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، އޮތް އިޚްތިޔާރެއް ނޫންކަން ސާފުވެއެވެ. މިޙާލަތުގައި ބަޔާން ނުލިބުނީ ހަނުހުރުމުގެ ޙައްޤޭ ކިޔާ އެއްޗެއް ޤާނޫނުއަސާސީގައި ލިޔެފައި އޮވެގެނެއް ނޫނެވެ. ބަޔާން ނުލިބޭނޭ ސަބަބަކީ ހަނުހުރުމުގެ ޙައްޤަކީ ޠަބީޢީ ޙައްޤަކަށްވެފައި، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، 54 ވަނަ މާއްދާގެ ދަށުން ލިބިދޭ ހިމާޔަތުގެ ސަބަބުންނެވެ. އެހެންކަމުން، ހަނު ނުހުރެވޭނޭ ކަމަށް ޤާނޫނެއްގައި ލިޔެގެން، ހަނުހުރުމުގެ ޙައްޤު ހިފެހެއްޓުމަށް މަސައްކަތްކުރުމަކީ އެކަމުގައި ޤާނޫނީ އަސަރެެއް އޮތް ކަމެއް ނޫންކަމަށް ފެނެއެވެ.
ފުލުހުންގެ ތަޙުޤީޤަށް އެއްބާރުލުންދީ، އެހީތެރިވުމަކީ މުއްތަޙަމެެއްގެ މައްޗަށް ކޮންމެހެން ލާޒިމު ކަމަކަށް ނުވާއިރު، ހަނުހުރުމުގެ ޙައްޤުގެ ބޭނުންކުރުމުގެ ސަބަބުން ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންގެ މައްސަލަ ތަޙްޤީޤްކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ދަތިވާތީ، އެކަމާމެދު އެކި ގޮތްގޮތަށް ވިސްނައި، އެ ދަތި ފިލުވާނޭ ގޮތްތައް ހޯދައި އެމައްޗަށް ދުނިޔެގޭ ޤައުމުތަކުގައި ޢަމަލުކުރަމުންދެއެވެ.
މީގެ ތެރެއިން އެއްގޮތަކީ، ކުށުގެ ތުޙުމަތުގައި ހައްޔަރުކުރެވޭ މީހާ ހަނުހުރުމުގެ ޙައްޤު ބޭނުންކޮށްފިނަމަ، އެއީ އޭނާ އެކުށްކުރި ކަމުގެ މައްޗަށް ލިބޭ ޤަރީނާއެއް ކަމަށް ބެލުމެވެ. އެހެންނަމަވެސް މިއުޞޫލަކީ ޤާނޫނުގެ ފަލްސަފާވެރިންގެ މެދުގައި ޚިލާފް، އަދި ބޮޑެތި ބަހުޘްތަކަށް ހުޅުވާލެވޭ މައުޟޫއުއަކަށް ވަނީ ވެފައެވެ. ތިމާއާ ދެކޮޅަށް ހެކިބަސް ނުދިނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާއިރު، ތަބީޢީ ޙައްޤެއްގެ ބޭނުންކުރުމަކީ ތިމާއާ ދެކޮޅަށް ދެވޭ ހެކިބަހެއް ކަމުގައި ބެލުމަކީ ޤާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫންކަމަށްބުނެ މިފަދަ ފަލްސަފާވެރިން ޒުވާބުދެއެވެ. އެހެންނަމަވެސް ބޮޑެތި ކުށްކުށުގެ ތުޙުމަތުގައި ބަންދުކުރެވޭ މީހުންގެ ކިބައިން ތަޙްޤީޤަށް ބޭނުންވާ މަޢުލުމާތު ހޯދުމަށްޓަކައި މިއުޞޫލުގެ ބޭނުން ދަނީ ކުރެވެމުންނެވެ.
ދެވަނަ ގޮތަކީ، ތަޙްޤީޤުގައި ހަނުހުރުމުގެ ޙައްޤު ބޭނުންކުރަނީ ކަމުގައި ބުނެފައި ޝަރީޢަތުގެ މަޖިލީހަށް މުއްތަޙަމުގެ ދިފާޢުގައި ހެކި ހުށަހަޅާނަމަ، އެ ހުށަހަޅާ ހެކިތަކަށް ފުރިހަމަ ބުރަދަން ނުދިނުމެވެ. ހެކި އުފެއްދީ ކަމުގެ ތުޙުމަތު މިޙާލަތުގައި މުއްތަޙަމުގެ މައްޗަށް އޮވެއެވެ. އެއީ ތަޙްޤީޤުގައިވެސް އެ ހެކިތައް ހުށަހެޅުމުގެ ފުރުޞަތު އޮތްއިރު، އޭރު އެފުރުޞަތުގެ ބޭނުންކޮށްފައިނުވަނީ ރަނގަޅު ނިޔަތެއްގައި ނޫންކަމުގައި ދެކިގެންނެވެ.
މަތީގައި ބަޔާންކުރެވުނު ދެ ގޮތަކީވެސް، ހަނުހުރުމުގެ ޙައްޤު ބޭނުންކުރުމަށް އޮތް ފުރުޞަތު ހަނިކުރުމަށް ޢަމަލުކުރެވިދާނޭ ގޮތްތަކެކެވެ. އެހެންނަމަވެސް، މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އަށް ފުރަމަތަ އިސްލާޙް ގެނައުމުގެ ޤާނޫނުން، ހަނުހުރުމުގެ ޙައްޤުގެ އެއްވެސް މިންވަރެއް ހިފެހެއްޓުމަކީ މުސްތަޙީލުކަމެކެވެ. އިހުގައި އޮތް ފަދައިން، ހަނުހުރުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި އަދިވެސް އެބައޮތެވެ.