އަންހެން ކުދިންނަށް ހާއްސަކޮށްގެން އައްޑޫ ފޭދޫގައި ބާއްވަން ހަމަޖެހިފައިވާ ނަމާދު ވޯކްޝޮޕެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ފޭދޫ ސްކޫލާއި ފޭދޫ އަވަށު އޮފީހާ ގުޅިގެން މިޝްކާތު ފައުންޑޭޝަނާއި ރަބީއުލް ގްލޫބް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ ނަމާދު ވޯކްޝޮޕް ހާއްސަކޮށްފައި ވަނީ 7-13 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ. ފޭދޫ ސްކޫލްގައި މި މަހުގެ 10 އާއި 11 ގައި ބާއްވަން ހަމަޖެހިފައިވާ ވޯކްޝޮޕުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ 30 ކުއްޖަކަށެވެ.
މި ނަމާދު ވޯކްޝޮޕްތައް ނަންގަވައި ދެއްވަނީ އަންހެން ތިން މުދައްރިސެކެވެ.
މިޝްކާތު ފައުންޑޭޝަނުން ދާދި ފަހުން ވެސް ވަނީ ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ނަމާދުގެ ދެ ވޯކްޝޮޕެއް ބާއްވައިފަ އެވެ. އެއީ މި މަހުގެ 2 އާއި 3 އަށް ހިތަދޫގައި ބޭއްވި ވޯކްޝޮޕަކާއި މިދިޔަ މަހުގެ 4 އާއި 5 އަށް މަރަދޫފޭދޫގައި ހިންގި ވޯކްޝޯޕެކެވެ.
ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އިން ދެ ޖިންސްގެ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ނަމާދު ވޯކްޝޮޕަކަށް ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ. އެއީ މި މަހުގެ 10 އާއި 11 ގައި 7-10 އަހަރުގެ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ.