އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާކުރަން އެ ގައުމުން ނިންމައިފި އެވެ.
މިކަމާ ގުޅޭ ބިލެއް ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ. ބޮޑުވަޒީރު
އެންތަނީ އަލްބެނީސް ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި އެ ބިލް ގާނޫނު ހަދާ މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އޭނަ ވިދާޅުވީ މި ބިލުގެ އެންމެ ބޮޑު މަގުސަދަކީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވަމުންދާ ގެއްލުންތަކުން އެ ކުދިން ސަލާމަތްކުރުން ކަމަށެވެ.
"މިއީ ގައުމުގެ ހުރިހާ މައިންނާއި ބަފައިންގެ ހައްގުގައި ކުރާ ކަމެއް." ބޮޑުވަޒީރު ވިދާޅުވި އެވެ.
އެންތަނީ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާ ހައްދެއް ނެތް މިންވަރަށް ހުޅުވި، އޭގެ ނުފޫޒު ވަރަށް ބޮޑުވެފައިވާ އިރު މީގެ ސަބަބުން ޖީލުތަކެއް ހަލާކުވުމުގެ ބިރުވެރިކަން ބޮޑެވެ. އެހެންވެ ކުޑަކުދިން ސޯޝަލް މީޑިއާއާ ދުރުކުރެވޭނެ ގޮތްތަކެއް ހޯދުން މުހިއްމުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"މިކަމުގައި ރައްޔިތުންނާ އެކީ ސަރުކާރު އަބަދު ވެސް އޮންނާނެކަމުގެ ޔަގީންކަން ވެސް ދޭން ބޭނުންވޭ." ބޮޑުވަޒީރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ގާނޫނު މަޖިލީހަށް ހަދާ މަޖިލީހަށް ހުށަހަޅާ ބިލް ވަރަށް އަވަހަށް ފާސްކޮށް، 12 މަސް ދުވަހުގެ ތެރޭގައި އެ އަމަލު ކުރަން ފެށުމަކި އަމާޒެއް ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރާ އިރު، އެ މިހާރު ބޭނުންކުރާ ކުދިންނަށް ރައްކާތެރިކަން ހޯދައިދޭން ރެގިއުލޭޓްކުރުން އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.
މިހާރު ސޯޝަލް މީޑިއާގެ ވަރަށް ގިނަ ޕްލެޓްފޯމްތައް ހުރި އިރު، އެފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ ކުދިންގެ އަދަދު ވަރަށް ގިނަ އެވެ. ބައެއް ޕްލެޓްފޯމް ބޭނުން ކުރެވެނީ ވަކި އުމުރުފުރައަކުން މައްޗަށް ކަމަށް ވިޔަސް، އުމުރު އޮޅުވާލައިގެންނާއި އެ ނޫން ވެސް ގޮތްގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރާ ކުދިން ވަރަށް ގިނަ އެވެ.
މީގެ ސަބަބުން ކުދިންނަށް ދިމާވާ ނަފުސާނީ އެކި މައްސަލަތައް ވަރަށް ގިނަކަން މި ފަހުގެ ދިސާރާތަކުން ދައްކަ އެެވެ.