އާސަންދަ ނިޒާމަށް ގެންނަ ބަދަލަކުން ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ހެލްތު އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމު ހަރުދަނާކޮށްގެން މެނުވީ ސިއްހީ ނިޒާމުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފުރިހަމަނުކޮށްދެވޭނެ ހަގީގަތެއް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން އާސަންދަ ރިފޯމް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި އެ ނިޒާމު ވެގެންދާނީ ރައްޔިތުންނަށް އުއްމީދު ގެނެސްދޭ އަދި ރައްޔިތުންނަށް ބަރުހެލި ކަމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ނިޒާމު ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދޭނެ ނިޒާމަކަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުން ވަނީ މި ނިޒާމަށް އަންނަ ރިފޯމަކުން ދިވެހި ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނާންނާނެ،" ނާޒިމް ވިދާޅުވި އެވެ.
އާސަންދަ އިންޝުއަރެންސް ސްކީމުގެ ތެރެއިން އެ ހިދުމަތް އެންމެ ބޭނުންވާ ފަރާތްތަކަށް އެ ނިޒާމުގެ ފައިދާ ލިބި، ނިޒާމުގައި ހުރި "ލޫޕްހޯލްތައް" ބަންދުކުރެވިގެން ނޫނީ އެ ނިޒާމު ދެމެހެއްޓެން ނެތް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
"އެތައް އެތައް ފަންނީ މާހިރުންނެއް ނިޒާމުގެ ކަންކަން މިހާރު ވަނީ ބަލާފައި. މި ކަމުގައި ހުރި ޖޮންޖެހުންތަކާއި، މިކަމުން އަރައިގަންނަން މިއަދު ފިޔަވަޅު ނާޅައިފިނަމަ، މާދަމާ ދިވެހި ރައްޔިތުން ތަހައްމަލު ކުރަން ޖެހިދާނެ ގެއްލުމެއްގެ ވާހަކަ އަޅުގަނޑުމެން އެންމެންނަށް މިހާރު އެބަ އެނގޭ" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ޞިއްޙީ ދާއިރާއިން މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށް ވެސް އަލި އަޅުވާލާފަ އެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތާއި ، ކޮލިޓީ ބޭސް ، އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރެއްވި އެވެ.