ކޮރަޕްޝަންގެ މައްސަލަތައް ބަލައިފިނަމަ ޖަލުން ނިކުންނާނެ އެކަކު ވެސް މި ސަރުކާރުގައި ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލާން މަސައްކަތް ކުރަމުންދާ ކަމަށާއި ބާރު އޮތުމުން މިފަދަ ކަންކަން ކުރެވިދާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުން ދުނިޔޭގެ މަލާމާތް ލިބޭއިރު ވެސް ސަރުކާރުގައި ތިބި ފަރާތްތަކަށް އެކަން ނޭނގޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މި މީހުން ހިތުން މިހާރު އެ ފަހަނީ އެހެން ބަޔަކަށް ފަހާ ކޯޓު. އެކަމަކު އެހެނެއް ނޫން މާތްﷲ ގެ އިއްތިފާގުގައި ކަންކަން ހުންނާނީ. އެ ކޯޓު ހެޔޮވަރު ވާނީ މި މީހުންނަށް. އެ ކޯޓު ދެން ލާންޖެހޭނީ މި މީހުންކަން މި މީހުންނަކަށް ނުވިސްނޭ،" ޔާމީން ވިދާޅުވި އެވެ.
މި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލަތައް ބަލައިފިނަމަ ޖަލުން ނިކުންނާނެ އެކަކު ވެސް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"މި މީހުންގެ ކޮރަޕްޝަންގެ މައްސަލަ ބަލައިފިއްޔާ މިތާކު ނެތް ޖަލުން ނިކުންނާނެ ސަހަލު އެކަކު ވެސް ނެތް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން މިހެން ވިދާޅުވި އިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.
މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުންދާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވިދާޅުވެފަ އެވެ.