Last Updated: May 5, 21:07
Monday, May 5, 2025
ޚަބަރު

ހައްގަކާ ނުލާ ވަރިވާން އެދޭ ނަމަ ސުވަރުގޭގެ ވަސް ހަރާމް

ޝަރުޢީ ސަބަބަކާ ލައިގެން މެނުވީ، އަނބީން އެ ކަނބަލުންގެ ފިރީންގެ ގާތުން ވަރިވާން އެދުމަކީ، އިސްލާމްދީނުގައި ނަހީކުރައްވައިފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ ތިން ބަހެއް ގަސްތަކާލައިގެން ނުވަތަ ސަމާސާއަކަށް ބުނިކަމުގައި ވިޔަސް އެ ކަންކަމުގެ ޙުކުމް ހިނގާނެ ކަމަށާއި އެއީ ކައިވެނިކުރުމާއި، ވަރިކުރުމާއި ކައިވެނި ރުޖޫޢަކުރުން ކަމަށެވެ.

އަދި ހައްގަކާ ނުލައި، ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމްވެގެންވާ ކަން ނަބިއްޔާގެ ހަދީސް ބަސްފުޅުން އެނގޭ ކަމަށް ބުނެފައިވެ އެވެ.

ކައިވެންޏަކީ މަތިވެރި ގުޅުމެއް ކަމަށާއި ދެމަފިރިއެއްގެ ދެމެދުގައި އުފެދޭ އަރައިރުން، ވަރިއާ ހަމައަށް ދިއުމުގެ ކުރީން، އެ އަރައިރުން ޙައްލުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށްޓަކައި، ދެ ފަރާތުން ފޮނުވާ ނިޔާވެރީންގެ ނިންމުމާ، އެއް ގޮތަށް ޢަމަލުކުރުން މުހިއްމު ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ވަރީގެ މައިގަނޑު ދެ ބާވަތަކީ ރަޖުއީ ވަރިއާއި ބާއިނު ވަރިކަން ފާހަގަކޮށް ހުތުބާގައި ބުނީ ރަޖުއީ ވަރިއަކީ، ފުރަތަމަ ފަހަރާއި، ދެވަނަ ފަހަރު ކުރާ ވަރީގެ އިއްދައިގެ ތެރޭގައި، ފިރިމީހާ އޭނާގެ އަނބިމީހާ ރުޖޫއަ ކުރިކަމަށް ބުނުމުން އަނބިމީހާ ރުޖޫއަ ކުރެވޭ ވަރި ކަމަށެވެ. އަދި ބާއިނު ވަރިއަކީ ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ވަރީގެ އިއްދަ ހަމަވުމާއި، ތިންފަށް ވަރިއާއި ހުލުއު ވަރި ކަމަށެވެ.

"ބާއިނު ވަރިއަކުން އަނބިމީހާ ވަރިކޮށްފި ނަމަ ކައިވެނި ރުޖޫއައެއް ނުކުރެވޭނެއެވެ. ހުކުމުގެ ގޮތުން ވަރި ބެހެނީ ދެބައަކަށެވެ. އެއީ ސުންނީވަރިއާއި ބިދުއީ ވަރިއެވެ،" ހުތުބާގައި ބުންޏެވެ.

ސުންނީވަރިއަކީ އަނބިމީހާ ބަލިވެއިންދައި، ނުވަތަ ޖިމާއުވެފައިނުވާ ޠުހުރެއްގައި، ސަރީހަ އިބާރާތުން، ވަރިކޮށްފީމޭ ބުނެ ވަރިކުރުން ކަމަށާ އަނބިމީހާ ހައިލުގެ ތެރޭގައި ވަރިކުރުމާއި، ޖިމާޢުވެފައިވާ ޠުހުރެއްގައި ބަލިވެއިންކަން ނުވަތަ ނޫންކަން ނޭނގޭ ހާލުގައި ވަރިކުރުމާއި، އެއްފަހަރާ ތިންފަށްވަރިއަކުން ވަރިކުރުމަކީ ބިދުއީ ވަރި ކަމަށްވާއިރު އަދި އެއީ ސުންނަތާ ހިލާފު ވަރިއެެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"ވަރިކުރުން ހުއްދަވާ ސަބަބުތަކުގެ ތެރޭގައި، އަނބިމީހާގެ އަހްލާގު ނުބައިވުމާއި، ޒަވާޖީ ހަޔާތުގެ އިންތަކުން ބޭރުވުމާއި، ﷲގެ އަމުރުފުޅުތަކަށް ފަރުވާ ކުޑަކުރުން ހިމެނެއެވެ. ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރީންނަށް ޒަވާޖީ ހަޔާތް ވޭތުނުކުރެވޭނެކަން ކަށަވަރުވެއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ވަރިވުމެވެ. ހަމަ އެ ފަދައިން ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ހައްގުތައް އަދާނުކުރާ ނަމަ، އަނބިމީހާއަށް ކައިވެނި ހުލްއު ކުރުމަށް ހުށަހެޅުން ހުއްދަވާނެއެވެ. އެ ފަދަ ހާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރައި ދޭން ޖެހޭނެއެވެ،" ހުތުބާގައިވެ އެވެ.

ފުރަތަމަ ވަރިއާއި ދެވަނަ ވަރީގެ އިއްދައިގެ ތެރޭގައި، އަނބިމީހާ އިންނާން ޖެހޭނީ ފިރިމީހާގެ ހިޔާވަހިކަމުގެ ދަށުގައި ކަމަށާ އެއީ އެ ހާލަތުގައި ފިރިމީހާއަށް ކައިވެނި ރުޖޫއަކުރުމުގެ ހައްގު އޮންނާތީ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެއީ ޒަވާޖީ ހަޔާތް ދެމެހެއްޓުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރު އަންގައިދޭ ކަމެެއްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ