ސިވިލް ސާވެންޓުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ނުކެނޑޭނެ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައެޅާފައިވާތީ އެ ނިންމުން ބާތިލް ކުރަން ހައިކޯޓަށް ހުށަހަޅަން ސިވިލް ސާވިސް ކޮމިޝަން އން ނިންމާފައިވަނީ އެ މައްސަލަ ހައިކޯޓުން ބާތިލް ކުރާނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެއެވެ.
ސިވިލް ސާރވިސް ކޮމިޝަނުގެ މުވައްޒަފަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެ ކޮމިޝަނުގެ ރައީސް މިގޮތަށް ވިދާޅުވެފައިވަނީ މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ކެނޑުމަށް ނިންމީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލުން ނިންމާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ފިޝަރީޒް މިނިސްޓްރީގެ ސީނިއަ ޕްރޮޖެކްޓް އޮފިސަރު، ރ. މަޑުއްވަރީ ގުލްފާމްހިޔާ، ނަސީފް މުހައްމަދު، ސީއެސްސީއާ ދެކޮޅަށް ހުށަހެޅި އެ މައްސަލައިގައި ޓްރައިބިއުނަލްގެ ތިން މެމްބަރުން ކަމަށްވާ އަބްދުﷲ އަލީ، މަރިޔަމް މުނާ އަދި އިސްމާއިލް އަހުމަދު އިއްތިފާގުވެވަޑައިގެންފައިވާ ގޮތުގައި، ވަޒީފާއާ ބެހޭ ގާނޫނުގައި މާނަކޮށްފައިވާ އުޖޫރުގައިގެ ތެރޭގައި ސާވިސް އެލަވެންސް ހިމެނެ އެވެ.
ޓްރައިބިއުނަލްގެ ނިންމުން ސީއެސްސީ އިން އިސްތިއުނާފްކުރާނެ ކަން މިމަހުގެ 22 ވަނަ ދުވަހު ހާމަކުރި ނަމަވެސް އެމައްސަލަ ހައި ކޯޓަށް ހުށަހެޅި ކަމެއް އެ ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރަނގަޅުވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ސީއެސްސީގެ ރައީސް ވިދާޅުވެފައިވާއިރު ދާދި ފަހުން ހައި ކޯޓުގެ ބައެއް ފަނޑިޔާރުން ދެކުނުގައި ގާއިމްކުރި ހައިކޯޓުގެ ގޮތްޕަށް ބަދަލުކޮށް އަދި ކްރިމިނަލް ކޯޓުގައި ކުރިން ތިއްބެވި ދެ ފަނޑިޔާރަކު ވަނީ ހައިކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައެވެ.