ފްރާންސްގެ އާއިލާތަކަކުން ޓިކްޓޮކަށް ދައުވާކޮށްފި އެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޓިކްޓޮކަށް ހަތް އާއިލާއަކުން ދައުވާކުރީ އެ ޕްލެޓްފޯމްގެ އެ މީހުންގެ ދަރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެ އެވެ. އެގޮތުން ޓިކްޓޮކްގައި އެލޮގްރިދަމް މެެދުވެރިކޮށް އަމިއްލަ އަށް މަރުވާން ހިތްވަރު ދިނުމާއި ހައްދެއް ނެތް މިންވަރަށް ކެއުމަށް ބާރު އެޅުން ފަދަ ކޮންޓެންޓްތައް ދައްކުވައިދޭ ވީޑިއޯތަކުގެ އަވާގައި ދަރިން ޖެހި، ދެ އާއިލާއެއްގެ 15 އަހަރުގެ ދެ ކުއްޖަކު އަމިއްލަ އަށް މަރުވެފައިވާ ކަމަށް އާއިލާތައް ގުޅިގެން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
މިއީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކާ ދެކޮޅަށް ޖަމާއީ ގޮތެއްގައި ޔޫރަޕްގެ ގައުމަކުން މައްސަލަތަކެއް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
އެ އާއިލާތަކުގެ ވަކީލު ލޯރީ ބޯޓަން-މާމަން ވިދާޅުވީ ޓިކްޓޮކުން ދަނީ އެ މީހުންގެ އަމިއްލަ މާލީ މަންފާ އަށް އެތައް ބަޔަކު ނުރައްކަލަށް ހުށަހަޅަމުން ކަމަށެވެ. އަދި ހާއްސަކޮށް ޓިކްޓޮކްގެ ސަބަބުން ކުޑަކުދިންނަށް އެތައް ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، މިއީ އެ ކުންފުނި ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ފްރާންސްގެ އާއިލާތަކަކުން ކުރި ދައުވާއާ ގުޅިގެން ބައިޓްޑާންސުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
މީގެ ކުރިން ވެސް މިފަދަ އެތައް މައްސަލައަކާ ޓިކްޓޮކްގެ އިތުރުން ފޭސްބުކާއި އިންސްޓަގްރާމް ހިންގާ މެޓަ އަށް ވެސް ކުރިމަތިލާން ޖެހިފައިވެ އެވެ. އަދި މިފަދަ މައްސަލަތަކުގައި ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.