ލ. ހުޅިމެންދޫގައި ފަސް ތަރީގެ ޓްރެއިނިން ރިސޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުން ހަދާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިޔާސިޓީ (އެމްއެންޔޫ) އާ ދެމެދު އެވެ.
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް ފައިސަލެވެ. އެމްއެންޔޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް އެވެ.
ފައިސަލް ވިދާޅުވީ ޓްރެއިނިން ރިސޯޓް ހެދުމުގެ އެ ފުރުސަތު ފަހިކުރަނީ ރާއްޖެ އަކީ ޓޫރިޒަމްގެ ސިނާއަތުގައި ރާއްޖެއަކީ އެންމެ މަގްބޫލު ސަރަހައްދުގެ ގޮތުގައި އޮންނަން ބޭނުން ވާތީ ކަމަށެވެ. އަދި މީގެ އެންމެ ބޮޑު މަސައްކަތަކީ ދާއިރާ އަށް ބޭނުންވާ މީހުން ތަމްރީނު ކުރުމެވެ.
މިނިސްޓަރު ވިދާޅުވީ، ޓްރެއިނިން ރިސޯޓް ހުޅުވިގެން ދިއުމުން މި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ތައުލީމު އުނގެނުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ޓޫރިޒަމް ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވި އެެވެ.
ޝެހެނާޒް ވިދާޅުވީ ޓްރެއިނިން ރިސޯޓަކީ ބައިނަލްއަގްވާމީ ފެންވަރުގެ ޓްރެއިނިން މަރުކަޒަކަށް ހެދުމުން ދުނިޔޭގެ ކަންކޮޅުތަކުން ދަރިވަރުންނާއި ދިރާސާވެރިން އެ މަރުކަޒަށް އަންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އޭނަ ވިދާޅުވީ މިމަޝްރޫއު ކުރިއަށް ގެންދާނީ ހުޅިމެންދޫގެ ގުދުރަތީ ތިމާވެށި ރައްކާތެރި ކުރުމަށް ވަރަށް ބޮޑު އިސްކަންދީގެން ކަމަށެވެ.
އަމާޒަކީ ދެ އަހަރުގެ ތެރޭގައި އެތަނުގައި މަސައްކަތްތައް ފެށުމެވެ.