Last Updated: April 9, 09:39
Wednesday, April 9, 2025
ޚަބަރު

އެމްއައިބީން 1،000 ގަސް އިންދައިފި

މި ސަރުކާރުން ފަސް މިލިއަން ގަސް އިންދަން ފަށާފައި އޮތް ޕްރޮގްރާމްގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުޑަގިރީގައި 1،000 ގަސް އިންދައިފި އެވެ.

މާލެ ސަރަަހައްދުގެ ރައްޔިތުން ޕިކްނިކް ދާން ހާއްސަކޮށްގެން ތަރައްގީކޮށް ބޭނުން ކުރަމުން އަންނަ ރަށުގައި އެމްއައިބީން ގަސް އިންދީ އިއްޔެ އެވެ. އެ ބޭންކުން މިކަން ކުރިއަށް ގެންދިޔައީ ކްލީން މޯލްޑިވްސް ޖަމިއްޔާއާ ގުޅިގެންނެވެ. އެމްއައިބީން ބުނީ ކުޑަގިރީގައި ގަސް އިންދަން ކުރިއަށް ގެންދިޔަ ހަރަކާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އާއި އެމްޓީސީސީ އާއި އޭޝިއާ ފޯވަޑިން އާއި އައި ކެއާ އާއި ފުލުހުންނާއިދި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވި ކަމަށެވެ.

ގަސްއިންދުމުގެ ހަރަކާތުގައި ގިޔާސުއްދީން ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ވެސް ބައިވެރިވެފައިވެ އެވެ. ވާކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއްކަމަށް ދެކިގެން އެކަމަށް މަަސައްކަތް ކުރަން ކަމަށެވެ.

މި އަހަރުގެ ތިމާވެށީގެ ދުވަހު ރަސްމީކޮށް އިފުތިތާހުކުރި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިން މިހާތަނަށް ވަރަށް ގިނަ ކުންފުނިތަކާއި އިދާރާތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކާއި ކައުންސިލްތަކުުން މީގައި ބައިވެރިވެ ރާއްޖޭގެ އެކި ހިސާބުތަކުގައި ގަސް އިންދާފައިިވެ އެވެ. އަދި އެ މަސައްކަތް މިހާރު ވެސް އަންނަނީ ހިނގަމުންނެވެ.