ރާއްޖޭގައި މެރިކަލްޗަ ސިނާޢަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި އެކަމަށް ހަތަރު ސަރަޙައްދެއް ސަރުކާރުން ހާއްސަަކޮށްފި އެވެ.
މެރިކަލްޗާ އަށް މީހުން ބިނާކުރަން ވޯލްޑް ބޭންކާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ މެރިކަލްޗާގެ ދެވަނަ ބެޗްގެ ތަމްރީނު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދޭން އިއްޔެ މަނިޔަފުށީގައި ބޭއްވި ހަފުލާގައި މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވީ މެރިކަލްޗާ އަށް ކަނޑައެޅި ސަރަހައްދުތަކަކީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ތ. އަތޮޅު ކަމަށެވެ.
އަދި މަނިޔަފުއްޓާއި ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮތް ފަޅެއް ވެސް އެކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދުތައް މެރިކަލްޗާ އަށް ހުޅުވައިލަން މިހާރު ތައްޔާރުވަމުން އަންނަ އިރު ކުރިއަށްދަނީ މިކަމަށް ބޭނުންވާ އުސޫލުތަކާއި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.
"މިއީ ރާއްޖޭގައި ކުރެވޭނެ ކަމެއްކަން އިންވެސްޓަރުންނަށާއި ދިވެހިންގެ ތެރެއިން މިކަން ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދައްކަން އަޅުގަނޑުމެންނަށް ޖެހޭނީ،" ޝިޔާމު ވިދާޅުވި އެވެ. "އެކަން ކުރެވުމުން ހަމަ ޔަގީން މިއީ އާމްދަނީ ލިބޭ ވަރުގަދަ ސިނާޢަތަކަށް ވެގެންދާނެކަން."
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މެރިކަލްޗަ ސިނާޢަތް ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އެހެންވެ މިކަން ރާއްޖޭގައި ފަސޭހަކޮށް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށް ދިނުމުގެ ގޮތުން މެރިކަލްޗާ އަށް ކަނޑައެޅި
ސަރަޙައްދުތަކުން ނަގާ ބިމަށް ލޭންޑް އެކުއިޒިޝަނަށް ފައިސާ ނުނެގުމަށާއި ފުރަތަމަ ތިން އަހަރުގެ ބިމު ކުލި ނުނެގުމަށް އޮތީ ނިންމައިފަ އެވެ.
މީގެ އިތުރުން މަސައްކަތަށް ބޭނުންވާ ވަޞީލަތް ރާއްޖެ އެތެރެކުރުމަށް ޑިއުޓީ މާފުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މެރިކަލްޗާ އަށް މީހުން ބިނާކުރަން މި ސަރުކާރުން ހިންގި ކޯހުގެ ދެ ބެޗުން މިހާތަނަށް 26 މީހަކު ތަމްރީނުވެފައިވެ އެވެ.