Last Updated: November 24, 18:35
Sunday, November 24, 2024
ޚަބަރު

'އޮޅު ހިޔާ' އަށް ބުޅާ ކާނާ ހޯދަން ބީލަމަށް

މިދިޔަ ހަފުތާގެ ތެރޭގައި ހުޅުމާލޭގައި ބުޅާތަކަށް ހާއްސަކޮށްގެން ހުޅުވި "އޮޅު ހިޔާ" ފެސިލިޓީގައި ގެންގުޅޭ ބުޅާތަކަށް ބޭނުންވާ ކާނާ ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ކައުންސިލުން ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 3025407 އާއި މެއިލް bids@malecity.gov.mv އިން ހޯދޭނެ އެވެ.

"އޮޅު ހިޔާ" އަކީ މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ކުރިމަތިވަމުންވާތީ، ބުޅާތައް ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ގާއިމުކޮށް، މެނޭކުރަމުން އަންނަ ތަނެކެވެ.

އެތަނުގައި ބުޅާތަކަށް ބޭނުންވާ ވަރަށް ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ހުންނާނެ އެވެ.