މިހާރު އައްޑޫގައި ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ހުއްޓާލުމަށާއި އެކަން އިންތިޒާމުކުރާ ފަރާތްތަކަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުމަށް އަލީ ރަމީޒް ގޮވާލައިފި އެވެ.
ރާއްޖޭގައި ހިންގާ އިސްލާމް ދީނާ ބރައްޓެހި މިފަދަ ކަންކަމާ ގުޅޭ ގޮތުން އަބަދު ވެސް ފާޅުގައި ފާޑުކިޔަމުން އަންނަ އަދި ސަލަފް ޖަމިއްޔާ އަށް ނިސްބަތްވާ އަލީ މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ބޮޑީ ބިލްޑިންގެ ނަމުގައި އައްޑޫގައި އަންހެނުންނާއި ފިރިހެނުން އޮރިޔާމުން ސްޓޭޖްމަތީ މި ވަގުތު ކުރިއަށް ގެންދާ ފާހިޝް ނުބައި ހަރަކާތްތައް އިންތިހާ އަށް ކުށްވެރި ކުރާ ކަމަށެވެ.
"އަދި އެ ހަރަކާތް މިހާރުން މިހާރަށް ހުއްޓުވުމަށް ސަރުކާރަށް އަޅުގަނޑު ގޮވާލަން،" އޭނަ ބުންޏެވެ. "އަދި އެ ލާދީނީ ހަރަކާތް ރާވައިގެން ކުރިއަށް ގެންދާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ގޮވާލަން."
ރާއްޖެ ހިމެނޭ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ބައިވެރިވާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ކުރިިއަށް ދަނީ އައްޑޫ ކެނަރީފް ރިސޯޓްގަ އެވެ. މި މަހުގެ 5 ގައި ފެށި އެ މުބާރާތުގެ އެންމެ ފަހުގެ އިވެންޓް އޮންނާނީ މާދަމާ އެވެ.
މިއީ ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަނާއި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގުޅިގެން ބާއްވާ މުބާރާތެކެވެ. ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗްކޮށް ދެއްވީ މިދިޔަ މަހުގެ 7 ގަ އެވެ.
ވޯލްޑް ބޮޑީ ބިލްޑިން މުބާރާތް އައްޑޫގައި ކުރިއަށްދާ އިރު، މި ހަފުތާގައި މެކްސިކޯގައި ބާއްވާ 73 ވަނަ މިސް ޔުނިވާސް މުބާރާތުގައި އަލަށް ދިވެއްސަކު ބައިވެރިވާތީ އެކަން ކުށްވެރިކޮށް އެއީ ދިވެހިންގެ ދީނާއި ސަގާފަތާ ނުގުޅޭ ކަމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށް ސަރުކާރުން ބަޔާނެއް ނެރެފައިވެ އެވެ.
އަދި އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރިހެނަކު ވިޔަސް އަދި އަންހެނަކުވިޔަސް،ﷲ ރުހިވޮޑިގެން ނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް އަދި ކާމިޔާބީއެއް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.