ރާއްޖޭގެ ކުރީގެ މަޝްހޫރު މިއުޒިކް ބޭންޑް، އޮލިމްޕިއަންސްގެ ޝޯތަކެއް މި މަހުގެ އޮލިމްޕަހުގައި ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.
ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން "އޮލިމްޕިއަންސް ވިތު ޔޫތު" ގެ ނަމުގައި ޝޯތަކެއް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 17-19 އަށެވެ. މިއީ ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ މިއުޒިކީ ވެޓަރަންސްތަކެއް ހިމެނޭ ބޭންޑް އަލުން ސްޓޭޖް މައްޗަށް އަންނަ ފުރަތަމަ ފަހަރެވެ.
މި ފަހަރު އޮލިމްޕިއަންސްގެ ޝޯތަކެއް ޒުވާން ފަންނާނުންތަކަކާ އެކީ ކުރިއަށް ގެންދަން ނިންމާފައިވާތީ ޝޯތަކުގައި ޕަފޯމްކުރާނެ ވޯކަލިސްޓުންގެ އިތުރުން ދެ ބޮޑުބެރު ގްރޫޕަކަށް ބައިވެރިވާން މިހާރު އޮތީ ހުޅުވާލައިފަ އެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އެޕްލައި ކުރަން އެންސީއޭ އިން ވަނީ އެދިފަ އެެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރު 3313456 އާއި މެއިލް info@nca.gov.mv އިން ހޯދޭނެ އެވެ.
އެންސީއޭ އިން ބުނީ އޮލިމްޕިއަންސްގެ މި ޝޯތަކަކީ ދިވެހިންގެ ފަންނީ އުފެއްދުންތެރިކަމާއި، ހުށައަޅައި ދިނުމުގެ ގާބިލުކަމާއި، ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް ކުރިއަރުވައި ދެމެހެއްޓުމާއި، އަދި ފަންނުވެރިންގެ ހުނަރުވެރިކަން އާންމުނަށް ތަޢާރުފުކޮށް ހިންގުމާއި ޒުވާނުން ދާއިރާއިން ކުރިއަށް ދިއުމަށް ބާރުއެޅުމުގެ މަގުސަދުގައި ބާއްވާ ޝޯތަކެއް ކަމަށެވެ.
އެ ގޮތުން މި ޝޯތަކަކީ ލަވަ ކިޔުމުގެ ދާއިރާ އިން މަގުބޫލުކަން ހޯދާފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިނާއި މިހާރު ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިން ކުރީގެ ލަވަތައް އަދި އިތުރު އާ ލަވަތަކާއި އެކު ޑުއެޓް ގޮތުގައި ހުށައަޅާއިދޭނެ ޝޯތަކެއް ކަމަށް އެންސީއޭ އިން ބުންޏެވެ.