ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ ވެހިކަލްތައް ރަޖިސްޓްރީ ކުރަން ހުށަހަޅާ އިރު ގަރާޖެއްގައި އެ ވެހިކަލެއް ބޭއްވުމާ މެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހޭ ގޮތައް ގަވައިދު ބަދަލުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމުގައި ދުއްވާ ވެހިކަލްތައް ރަޖިސްޓަރީ ކުރުމުގެ ގަވައިދަށް ގެނައި ފަސް ވަނަ އިސްލާހުގައި ބުނެފައިވާ ގޮތުން ގަރާޖުގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއި، ވެހިކަލް ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ވެސް ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހެ އެވެ.
މި މަހުހެ 5 އިން ފެށިގެން އަމަލު ކުރަން ފެށި އާ ގަވައިދުގައި ބުނާ ގޮތުން ވެހިކަލް ބާއްވާ ގަރާޖުގައި އެ ބޭއްވޭނެ ޖާގަ އޮތްކަން ޓްރާންސްޕޯޓު މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަށަވަރު ވެސް ކުރަން ޖެހޭނެ އެވެ.
އަދި އަންނަ މަހުހެ 5 އިން ފެށިގެން ކުންފުނީގެ ނަމުގައި ވެހިކަލެއް ރަޖިސްޓްރީކޮށް ދެވޭނީ އެ ކުންފުނީގެ އަމިއްލަ ބޭނުމަށްޓަކައި އެކަނި ކަމަށް ވެސް ވަނީ ގަވައިދުގައި ކަނޑައަޅާފައިވެ އެވެ.
ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަ ކުރެވިފައިވާ ތިނެއް ނުވަތަ ހަތަރު ފުރޮޅުލީ ސައިކަލު ނުހިމެނޭ އެވެ.