ބަރަހަނާ މަންޒަރުތައް ދައްކާ ޙަފުލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި ގައުމުގެ އިޖުތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަގާފަތް ރައްކާތެރި ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ ޤުރުއާން ބާވައިލެއްވުނީ ވެސް ހިދާޔަތެއްގެ ގޮތުގައި ކަމަށެވެ.
ގައުމުހެ އިޖުތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަގާފަތް ރައްކާތެރި ކުރަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވެފައި ވަނީ ދެ ޖިންސްގެ މީހުން ވާދަކުރާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް އައްޑޫގައި މިހާރު ކުރިިއަށް ދަނިކޮށެވެ.
ކެނަރީފް ރިސޯޓްގައި މި މަހުގެ 5 ގައި ފެށި އެ މުބާރާތުގެ އެންމެ ފަހުގެ އިވެންޓް އޮންނާނީ މާދަމާ އެވެ.
ހަށިގަނޑު ހާމަކޮށްގެން ބާއްވާ މިފަދަ މުބާރާތެއް ބާއްވާތީ އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަން ހުއްޓުވައި، އެ މުބާރާތް ރާވައި ހިންގާ ފަރާތްތަކާ މެދު ހަރުކަށީ ފިޔަވަޅު އަޅަން ވެސް އެކި ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ގޮވާލަމުންނެވެ.
ވޯލްޑް ބޮޑީ ބިލްޑިން މުބާރާތް އައްޑޫގައި ކުރިއަށްދާ އިރު، މި ހަފުތާގައި މެކްސިކޯގައި ބާއްވާ 73 ވަނަ މިސް ޔުނިވާސް މުބާރާތުގައި އަލަށް ދިވެއްސަކު ބައިވެރިވާތީ އެކަން ކުށްވެރިކޮށް އެއީ ދިވެހިންގެ ދީނާއި ސަގާފަތާ ނުގުޅޭ ކަމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށް ސަރުކާރުން ބަޔާނެއް ނެރެފައިވެ އެވެ.
އަދި އެކަމާ ގުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރިހެނަކު ވިޔަސް އަދި އަންހެނަކުވިޔަސް ﷲ ރުހިވޮޑިގެން ނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ޙަގީގީ ރީތި ނަމެއް، އުފަލެއް އަދި ކާމިޔާބީއެއް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.