Last Updated: November 26, 11:52
Tuesday, November 26, 2024
ޚަބަރު

ވާގި އެދެނީ އަދި ބިރުވެތިވަނީ ވެސް ﷲއަށް، މަޖިލިސް މެންބަރުންނަކަށް ނޫން : ނައިބު ރައީސް

އެ މަނިކުފާނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އެމަނިކުފާނު ވާގި އެދެނީ އަދި ބިރުވެތިވަނީ ވެސް ﷲ އަށް ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ މެމްބަރުންނަށް ބިރު ނުގަންނަ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވެފައިވަނީ ލަންޑަނުގައި ހުންނަވައިގެން ރާއްޖޭގެ މީޑިޔާތަކަށް ފޮނުއްވި ބަޔާނެއްގައެވެ. މިއީ ނައިބު ރައީސް ކަމުން ޑރ. ޖަމީލް ވަކިކުރުމަށް ވެރިކަންކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މަޖިލިސް މެމްބަރުން އިސްވެ ތިއްބަވައި މަސައްކަތް ފެއްޓެވި ފަހުން އެ ކަމާ ގުޅޭ ގޮތުންނާއި އަމިއްލަފުޅު ދިފާއުގައި އެއްވެސް ވާހަކަފުޅެއް ދެއްކެވި ފުރަތަމަ ފަހަރެވެ.

ބަޔާނުގައި ނައިބު ރައީސް ވިދާޅުވެފައި ވަނީ "މި ބަރަކާތްތެރި ރަމަޟާން މަހުގައި ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް މި ފެނުނީ ވަކި ބައެއްގެ އަމިއްލަ ނަފުސުގެ ދަހިވެތި ކަމެވެ. ރައްޔިތުން ނިކަމެތި ކުރުމުގައި ވަކި ބަޔަކު އިސްވެތިބެ ކުރަމުން މިދާ މަސައްކަތުގައި ހިމެނޭ ފަރާތްތަކުން ވެސް ހަނދާން ކުރަންޖެހެނީ އެއްކައުވަންތަ ﷲގެ ކުޅަދުންވަންތަ ކަމާއި ބާރުގެ މަތިންނެވެ. އަޅުގަނޑު ވާގި އެދެނީ އެކަލާންގެ ހަޟްރަތުންނެވެ. ބިރުވެތިވަނީ އެކަލާންގެ އަށެވެ. ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ މެމްބަރުންނަކަށް ވެސް ނޫނެވެ."

ނައިބު ރައީސް ޖަމީލް ވިދާޅުވި ގޮތުގައި ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރަށް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ހެޔޮ ނިޔަތުގައި އަދި ދިވެހި ގައުމަށްޓަކައި ކަމަށް ވިދާޅުވަމުން އައި ބޭފުޅުންގެ ނިޔަތާއި މަގުސަދު މިއަދު ވަނީ ރައްޔިތުންގެ ކުރިމަތީގައި ސާފުކޮށް ހާމަވެފަ އެވެ.

މީގެ އިތުރުން ގާނޫނުއަސާސީއަކީ، ދައުލަތް ހިންގުމަށްޓަކައި ކަނޑައަޅާފައިވާ ދުސްތޫރީ އެންމެހައި އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނު ކަމަށް ވިޔަސް، އެ ގާނޫނުއަސާސީގެ ހަމަތަކާއި ވެރިކަމުގެ އިންފާރުތައް މިހާރު އެކި ގޮތްގޮތަށް ބަދަލުކުރަނީ ވަކި މީހަކަށް އަމާޒު ކޮށްގެން ނުވަތަ ވަކި ބައެއްގެ ޒާތީ މަސްލަހަތަށް ކަން މިއަދު ހާމަވެފައިވާ ކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ދުސްތޫރީ ގޮތުން އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އެއީ ވަކި ބައެއްގެ ޒާތީ މަސްލަހަތު ހާސިލްކުރުމަށް ކުރަމުންދާ ކަމެއް ކަމަށް ވެސް ބަޔާނުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.