ފަލަސްތީނަށް އެހީވުމަކީ މުޅި އިސްލާމީ އުއްމަތުގެ ޒިންމާއެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ހަލީލް މިހެން ވިދާޅުވީ ސައުދީ ޢަރަބިއްޔާގެ ރިޔާދުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓް" އަށް ތައްޔާރުވުމުގެ ގޮތުން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދެއްވި ތަގުރީރުގަ އެވެ.
ހަލީލް ދެއްވި ތަގުރީރުގައި އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާއި ހިންގަމުންދާ ނަސްލުނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވާ އަނިޔާތަކަށް ލުޔެއް ލިބިފައިނުވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އަދި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލްކުރަމުންދާ އަނިޔާތަކުން އަރައިގަތުމަށް އެހީވުމަކީ މުޅި އިސްލާމީ އުންމަތުގެ ޒިންމާއެއްކަމުގައި ފާހަގަކުރައްވައި، މި މަގުގައި އަމަލީ މަސައްކަތްކުރުމަށް ގޮވާލެއްވި އެވެ.
އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހިންގަމުންގެންދާ އަމަލުތައް ކުއްވެރިކޮށް ވަކި ގައުމެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށްވެސް ގޮވާލެއްވި އެވެ. އަދި އ.ދ. ގެ ސަލާމަތީ މަޖިލިސް އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ފަދަ ޕްލެޓްފޯމްތަކުގައި އިސްރާއީލް ޖަވާބުދާރީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައި، އިސްލާމީ ގައުމުތަކާއެކު ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ފަސްނުޖެހެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހެދުންކަމުގައި ވިދާޅުވި އެވެ.