Last Updated: April 21, 17:56
Monday, April 21, 2025
ރިޕޯޓް

ސުންނަތާ އެއްގޮތަށް ހިނައިގަންނާނީ ކިހިނެއް؟

ދެ މީހަކު ހިނައިގަތުމަށްޓަކައި ވަނެއެވެ. ދެ މީހުން ނިމުނީ އެއް ވަގުތެއްގަ އެވެ. އެކަމަކު އޭގެ ތެރެއިން އެކަކު ނިކުތީ ވަރަށް ބައިވަރު އަޖުރާއި ޘަވާބާއެކުގައެވެ. މިވީ ކިހިނެއް ހެއްޔެވެ؟

އެކަކު ހިނައިގަތީ ހަމައެކަނި ވާޖިބު މިންވަރަށެވެ. އެކަމަކު ދެވަނަ މީހާ ހިނައިގަތީ ސުންނަތާ އެއްގޮތަށެވެ.

ވާޖިބު މިންވަރަކީ ހިނައިގަތުމުގެ ނިޔަތުގައި މުޅި ހަށިގަނޑުގައި ފެން ޖެއްސުމެވެ.

ސުންނަތާ އެއްގޮތަށް ހިނައިގަންނާނީ ކިހިނެއް؟

1. އެންމެ ފުރަތަަމަ ޖުނުބުވެރިކަމުން ނުވަތަ ޙައިޟުން ނުވަތަ ނިފާސްކަމުން ހިނައިގަތުމަށް ނިޔަތް ގަންނާނީ އެވެ.
2. އެއަށް ފަހު ކުރިމަތިފަރާތާއި ފުރަގަސްފަރާތް ދޮވެ ނަޖިހެއްވާ ނަމަ ނަޖިސް ފިލުވާލާނީ އެވެ.
3. ދެން ދެ އަތުގައިވާ ނަޖިސްތަށް ފިލުވާލުމަށް ފާރުގައި ދެ އަތް އުނގުޅާލާނީ އެވެ. ނޫނީ ސަބޯނިން ދޮވެލާނީ އެވެ.
4. އެއަށް ފަހު ނަމާދަށް ވުޟޫ ކުރާ ފަދައިން ވުޟޫ ކުރާނީ އެވެ.
5. ވުޟޫ ކުރުމަށްފަހު ތިން ފަހަރު ބޮލަށް ފެން އަޅާ އިނގިލިތަކުން އިސްތަށިތައް ވިނަވައިލާ ބޯ ދޮވެލާނީ އެވެ.
4. ދެން އެއަށްފަހު މުޅި ހަށިގަނޑު ދޮންނާނީއެވެ. އެންމެ ފުރަތަަމަ ކަނާތް ފަޅިއެވެ. އެއަށްފަހު ވާތް ފަޅި އެވެ.
5. އެންމެ ފަހުން ދެފައި ދޮވެލާނީއެވެ. އެއީ ހިނައިގަންއިރު ފޭބި ފެނުން ފައި ސާފުކޮށްލުމަށެވެ.

ސުންނަތާ އެއްގޮތަށް ހިނައިގަންނާނީ މި ގޮތަށެވެ. މާ ގިނަ ވަގުތެއް ނުނަގާނެއެވެ. އެހެންކަމުން އަބަދުވެސް ސުންނަތާ އެއްގޮތަށް ހިނައިގަންނެވޭތޯ މަސައްކަތް ކުރާށެވެ.

މަސްދަރު: އިލްމު.އެމްވީ