މަގާމަށް އައްޔަންކުރިތާ ހަ މަސް ދުވަސް ފަހުން ހެއިޓީގެ ބޮޑުވަޒީރު ގެރީ ކޮނިލް މަގާމުން ވަނިކޮށްފި އެވެ.
އޭނަ މަގާމުން ވަކިކުރީ އިންތިގާލީ ކައުންސިލްގެ ނުވަ މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ ސޮޔާ އެކު ނެރުއްވި ގަރާރަކުންނެވެ. އަދި ގެރީގެ ބަދަލުގައި ބޮޑުވަޒީރު ކަމަށް ހެއިޓީގެ ނުފޫޒު ގަދަ ވިޔަފާވެރިއެެއް ކަމަށްވާ އަދި ކުރިން ސެނެޓަށް ވާދަކުރެއްވި އެލެކްސް ޑިޑިއާ ފިލްސް-އެއިމީ އައްޔަންކުރަން ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ގެރީ ބޮޑުވަޒީރު ކަމަށް އައްޔަންކުރީ މި އަހަރުގެ ޖޫން 3 ގަ އެވެ.
މަގާމުން ދުރުކުރުމާ ގުޅިގެން ގެރީ ވިދާޅުވީ އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި މީގެ ސަބަބުން އަނެއްކާ ވެސް ހެއިޓީ ވެއްޓިގެން ދާނީ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށް ކަމަށާއި އެހެންވެ މިހާރު އަނެއްކާ ވެސް ގައުމުގެ މުސްތަގުބަލާ މެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކުރިން އދ. ގައި ވެސް މަސައްކަތް ކުރެއްވި ގެރީ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ގައުމުގައި މިހާރު ރައީސަކު ނެތުމާއި ގާނޫނު ހަދާ މަޖިލީހެއް ވެސް ނެތް ކަމަށާއި މިއީ ހެއިޓީ ގާނޫނީ ބޮޑު ހުސްކަމެއްގެ ތެރެއަށް ދިއުން ކަމަށެވެ.
އެ ގައުމުގެ ރައީސްގެ މަގާމު ހުސްކަމަކަށް އައީ މި އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް އެރިއަލް ހެންރީ ގައުމުން ބޭރަށް ކުރެއްވި ރަސްމީ ދަތުރުތަކަށް ފަހު، އޭނަ އަނބުރާ ގައުމަށް އެތެރެވިޔަ ދިނުމަށް ހުރަސް އެޅުމާ ގުޅިގެންނެވެ.
ކެރީބިއަން ސަރަހައްދަށް ނިސްބަތްވާ ހެއިޓީ އަކީ އެތެރޭގެ ހަމަނުޖެހުންތައް ބޮޑު، ގޭންގްތަކުގެ ނުފޫޒާއި ބާރު ވަރަށް ގަދަ ގައުމެކެވެ.