ރާއްޖެ އަށް ވެސް ދަތުރުރަކެއް ބާއްވަމުން އައި އިންޑިއާގެ އެއާލައިނެއް ކަމަށްވާ ވިސްޓާރާގެ ދަތުރުތައް ނިންމައިލަން ތައްޔާރުވެއްޖެ އެވެ.
ހިދުމަތަޡް ނުކުތްތާ 9 އަހަރު ފަހުން އެ އެއާލައިންގެ ފަހު ދަތުރުތައް ބާއްވަން ހަމަޖެހިފައި ވަނީ މިއަދެވެ.
ވިސްޓާރާގެ އޮޕަރޭޝަންތައް ރަސްމީކޮށް ފެށީ ޖެނުއަރީ 9، 2015 އެވެ. އެ އެއާލައިންގެ ދަތުރުތައް މިއަދުން ފެށިގެން ހުއްޓައިލާ އިރު، 50 މަންޒިލަކަށް ދަތުރު ކުރަމުން ގޮސްފައިވެ އެވެ. ފްލީޓްގައި 70 ބޯޓް އޮންނަ އެއާލައިންގެ މުވައްޒަފުންގެ އަދަދު 5،500 އަށް އަރަ އެވެ.
ވިސްޓާރާ އަކީ ޓާޓާ ސަންސް އާއި ސިންގަޕޫރް އެއާލައިންސްގެ ޖޮއިންޓް ވެންޗާއެއްގެ ދަށުން އޮޕަރޭޓްކުރަމުން އައި އެއާލައިނެކެވެ. މީގެ އޮޕަރޭޝަންތައް ހުއްޓައިލާ އިރު، އޭގެ އޮޕަރޭޝަންތައް ދެން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެއާ އިންޑިއާގެ ދަށުންނެވެ.
އެހެންވެ ވިސްޓާރާ އެއާލައިންގެ ނަމުގައ ދެމުން އައި ހިދުމަތްތަކާއި ކުރަމުން އައި ވިޔަފާރީގެ މުއާމަލާތްތައް ދެން ހިނގާނީ އެއާ އިންޑިއާގެ ދަށުންނެވެ. މި ބަދަލު ގެންނަން ނިންމީ އެއާ އިންޑިއާގައި ވެސް ހިއްސާވާ ޓާޓާގެ ދަށުން އެ އެއާލައިންގެ ހިދުމަތް އެއް ކުންފުންޏަށް ދަށަށް ގެނެސް، ހިދުމަތް އިތުރަށް ފުޅާކުރުމަށެވެ.
މީގެ ކުރިން ހުއްޓާލަން ޖެހުނު އިންޑިއާގެ މަޝްހޫރު އެއާލައިންތަކުގެ ތެރޭގައި ކިންގްފިޝާ އާއި ޖެޓް އެއާވޭސް ހިމެނެ އެވެ.