Last Updated: November 23, 05:52
Saturday, November 23, 2024
ޚަބަރު

ނުލިބި އޮތް 3.7 ބިލިއަން ރުފިޔާ ހޯދައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރު ސަރުކާރު ބަދަލުވި އިރު، ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި 3.7 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ރައީސް އްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހާ ގުޅުވައިގެން ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ ނުލިބިހުރި ފައިސާ ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކޮށް ތަންފީޒީ ދާއިރާތައް ވަރުގަދަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރަށް އެކި ފަރާތްތަކުން ދައްކަންޖެހިފައި ކުރީ ދުވަސްތަކުގައި ނުހޯދާ ފަސޭހަކޮށްލާފަ ހުރި 3.7 ބިލިއަން ރުފިޔާ. ރައްޔިތުންގެ ފައިސާ ހޯދާފަ ރައްޔިތުންގެ އެކައުންޓަށް ވައްދައިފިން." ރައީސް ވިދާޅުވި އެވެ.

އަދި އޭގެ ސަބަބުން ނަގަން ޖެހޭ ދަރަނި މަދުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފައާއެކު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސަބްސިޑީ އާއި އާސަންދަ އާއި ޕެންޝަން ނިޒާމުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ މުހިންމު އިސްލާހުތަކެއް ވެސް ހިމަނާފައިވާ ކަމަށެވެ.