Last Updated: November 21, 13:32
Thursday, November 21, 2024
ރިޕޯޓް

ބޮޑީބިލްޑް ކުރުމުގެ ޙުކުމް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ބޮޑީބިލްޑުކުރުމުގެ މައިގަނޑު ބޭނުމަކީ ވަރުގަދަ ހަށިގަނޑެއް ތައްޔާރުކުރުމެވެ. އެއީ އޭގެ ޒާތުގައި ރަނގަޅު މަގުސަދެކެވެ. އިސްލާމްދީން ވަނީ އިންސާނާގެ ރޫޙާއި ހަށިގަނޑަށްވެސް ސަމާލުވުމަށް އަމުރުކުރައްވައިފަ އެވެ. އަދި އިންސާނާގެ ހަށިގަނޑު ބިނާކުރުމާއި ޞިއްޙަތު ރައްކާތެރިކޮށްދޭ އެކި ބާވަތްތަކުގެ ކުޅިވަރުތަކަކަށްވެސް އިސްލާމް ދީން ވަނީ ބާރު އަޅުއްވައިފައެވެ.

އޭގެ ސަބަބުން ނަފުސަށް ހަމަޖެހުމާ އަދި އުފާވެރިކަން ލިބިގެން ދެ އެވެ. އެފަދަ ކުޅިވަރުތަކުގެ ތެރޭގައި؛ ފެތުމާއި ދުނި އުކުމާއި އަސްދުއްވުމާއި ކަނޑިން ކުރިމަތިލުމާ އަދި ބަނޑުމުސާރައަށް ބެއްދުންވެސް ހިމެނެއެވެ. [1]

އެހެނަސް އިސްލާމް ދީނުގައި މިފަދަ ކުޅިވަރުތައް ބަލައިގަނެފައިވަނީ އަދި އެކަންކަންކުރުމަށް ބާރު އަޅުއްވާފައި ވަނީ ވަސީލަތެއްގެ ގޮތުގައެވެ. އެއީ ދީން ޙިމާޔަތް ކުރުމަށާއި މުސްލިމުންގެ ކަރާމަތާ އަދި ޙައްޤުތައް ޙިމާޔަތް ކުރުމަށެވެ. އެހެނީ އެއީ އިސްލާމް ދީނުގެ އަހުލުވެރިންނަށް ބާރު ލިބި އަދި ނަޞްރު ލިބުމުގެ އެންމެ މުހިންމު އެއް ސަބަބެވެ. އަދި އެއީ އިސްލާމް ދީނަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށާ އަދި އެކަންކަން ގިރާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ވެސް މެއެވެ.

ބޮޑީބިލްޑުކުރުމުގެ މަގުސަދަކީ ޖިހާދުގެ މަތިވެރި ފަރުޟު އަދާކުރުމާއި ﷲ ގެ ކަލިމަފުޅު މަތިވެރިކުރުމުގެ ޤާބިލު ހަށިގަނޑެއް ތައްޔާރު ކުރުން ކަމަށްވާ ނަމަ ފަހެ އެއީ އެދެވިގެންވާ ކުޅިވަރެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވި އެވެ.

﴿وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ‎﴾ [سورة الأنفال: ٦٠]

މާނައީ: “އެބައިމީހުންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ!”

އަދި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ » [رواه مسلم 34 – (2664)]

މާނައީ: “ﷲގެ ޙަޟްރަތުގައި ހެޔޮކަން ބޮޑުވެގެންވަނީ އަދި ލޮބުވެތިކަން ބޮޑުވެގެންވަނީ ބަލިކަށި މުއުމިނަށް ވުރެ ވަރުގަދަ މުއުމިނެވެ. އެ ދެ މީހުންގެ ކިބައިގައިވެސް ހެޔޮކަންވެ އެވެ.”

ފަހެ ބޮޑީ ބިލްޑުކުރުމުގެ ބޭނުމަކީ ނަފްސަށް ލުއިކަން ގެނުވާ އަދި ޞިއްޙަތަށް ރައްކާތެރިވުންކަމުގައިވާނަމަ އެއީ ހުއްދަ ކުޅިވަރެކެވެ. އަދި ބޮޑީ ބިލްޑުކުރުމުގެ ތެރޭގައި މަޝްޣޫލުވެ އުޅޭއިރުގައި ނަމާދުތައް އެޅުމާއި ފިރިހެނުންނާއި އަންހެނުންގެ ޢައުރަ ކަޝްފުކުރުމާއި ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނުން ޒީނަތްތެރިކަން ފާޅުކުރުމާއި ދެ ޖިންސުގެ މީހުން މައްސުނިވުން ފަދަ ޙަރާމް ކަމެއް އެކުލެވޭ ނަމަ އެއީ ޙަރާމް ކުޅިވަރެކެވެ.

ބޮޑީބިލްޑް ކުރާ މީހުންގެ އާދަކައަކަށް ވެފައިވަނީ އެބައި މީހުން އެކަންކުރާ އިރުގައި ޢައުރަ ކަޝްފުކުރުމެވެ. މިއީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ޙަރާމް ކަމެކެވެ. ފަހެ ފިރިހެނާގެ ޢައުރައަކީ ފޫޅުން ފެށިގެން ކަކުލާ ހަމައަށެވެ. އެ މީހެއްގެ އަނބިމީހާގެ ކުރިމަތީގައި މެނުވީ އެދެމެދު ކަޝްފުކުރުން ހުއްދަވެގެން ނުވެއެވެ. އަދި އެހެން މީހެއްގެ ޢައުރައާ ދިމާއަށް ބެލުންވެސް ހުއްދަވެގެން ނުވެއެވެ. އެކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ.

« مَا أَسْفَلَ مِنْ سُرَّتِهِ إِلَى رُكْبَتَيْهِ مِنْ عَوْرَتِهِ» [رواه أحمد في مسنده (6756) وحسنه الألباني في الإرواء (247، 271)]

މާނައީ: “ފޫޅުން ތިރި ހިމެނެނީ ޢައުރައިގެ ތެރެއިންނެވެ. އެއީ ކަކުލާ ހަމައަށެވެ.”

މިކަންކަމުން ދުރުހެލިވެގެން ބޮޑީބިލްޑުކުރެވޭ ކަމުގައިވާނަމަ ފަހެ އެކަންކުރުމަކީ މައްސަލައެއް ނޫނެވެ.

އަދި މިކަމުގައި ސަމާލުވާން ޖެހޭ މުހިންމު ދެ ކަމެއް ވެއެވެ.

ފުރަތަމައީ: ބޮޑީބިލްޑުކުރާ ބައެއް މީހުން އެކަން ކުރަނީ އަމިއްލަ ނަފްސުގެ ދެއްކުންތެރިކަމުގެ ގޮތުންނެވެ. އަދި އެ ނޫން ވެސް ގޯސް ނިޔަތްތަކެއް ހުރެގެންނެވެ. ފަހެ މުއުމިނު އަޅާގެ މައްޗަށް ވަނީ އެފަދަ ކަންކަމުން ދުރުހެލިވުމެވެ. އަދި ރިވެރި އަޚުލާޤުން ޒީނަތްތެރިވެ، ބޮޑާވެރިކަން ދޫކޮށްލާ، މީސްތަކުންގެ ކުރިމަތީގައި ދެއްކުންތެރިވުން ދޫކޮށްލާ އަދި ތަވާޟުޢުވެރިވުމެވެ.

ދެވަނައީ: ހަށިގަނޑު ރީތިކުރުމުގައި ހައްދުފަހަނައަޅާ ދިޔުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެގޮތުން އެކަން ކުރުމުގައި ތަފާތު އެކިބާވަތްތަކުގެ ބޭސްތައް ބޭނުންކުރުމަކީ ޞިއްޙަތަށް ނުރައްކާތެރިކަމެކެވެ. އެހެނަސް އެކަމުގައި ރަނގަޅު މިންވަރަކީ ހެޔޮ ޞިއްޙަތެއްގައި ހުރެވޭނެ މިންވަރަށް އެކަން ކުރުމެވެ. އަދި ދީން ޤާއިމުކުރުމާއި ﷲ ގެ މަގުގައި ޖިހާދުކުރުމާއި ޙައްޖުގެ އަޅުކަން ފަދަ ހަށިގަނޑުގައި ވަރު ހުރުމަށް ބޭނުން ޖެހިފައިވާ އަޅުކަންތައްތައް އަދާކުރުމަށް ހަށިގަނޑުގައި ވަރު ޖެއްސުމެވެ.

ބޮޑީބިލްޑު ކުރުމުގައި ހައްދުފަހަނަ އެޅުމަކީ އެއަށް ވުރެ މުހިންމު ކަންކަމުން އެމީހަކު މަޝްޣޫލު ކުރުވާނޭ ކަމެކެވެ. އެއީ މިފަދަ ކުޅިވަރުތަކުގައި ބައިވެރިވާ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ކޮންމެ ދުވަހެއްގެ އެތައް ގަޑިއިރެއް އެފަދަ މީހުން ކުޅިވަރާ އެކަންކަމާ ގުޅުން ހުރި ކަންކަމުގައި ވޭތުކުރެ އެވެ.

ފަހެ ހަށިގަނޑު ކިތަންމެ ވަރުގަދަ ކުރިޔަސް އެ މީހެއްގެ ހިތުގައި އީމާންކަމާއި ހެޔޮކަން ނެތިއްޔާ މުސްލިމު އަޅާއަށް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

ދުޢާ އަކީ ދުނިޔެ އާއި އާޚިރަތުގެ ހެޔޮކަމާއި ބާއްޖަވެރިކަމަށް އަޅަމެންނަށް ތައުފީޤު ދެއްވުމެވެ.

މަސްދަރު: ދިސަލަފިއްޔާ