އެމަނިކުފާނު ޖަލަށް ލެވިދާނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ހައިކޯޓުގައި އޮތް އެމަނިކުފާނުގެ މައްސަލަ ލަސްކުރީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ މައްސަލައިގެ ތެރެއަށް އަތްބާނާފައި ހުރީ ކިހާ ވަރަކަށްކަން ވަރަށް ގިނަ ބަޔަކަށް އެނގޭނެ ކަމަށެވެ.
"ރައީސް ޔާމީން ޖަލަށް ލެވިދާނެ ކަމަށް ހީކުރާ ހީކުރުމަކީ ހަމަ ކުށް ހީއެއް. އެއީ ރައީސުލްޖުމްހޫރިއްޔާ އަންގައިގެން އެކަން ވެދާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެއަށް ވުރެ އަޅުގަނޑުގެ އިތުބާރު އޮވޭ އިސްތިއުނާފް ކޯޓުތަކުގެ ފަނޑިޔާރުންނަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިސްތިއުނާފް ކޯޓުތަކުގެ ފަނޑިޔާރުން ގޯސް ހައްދަވައިފިނަމަ އެމަނިކުފާނު ޖަލަށް ލެވިދާނެ ކަމަށާއި އެހެން ނޫނީއްޔާ އެކަން ވާނެ ގޮތަކީ ނެތް ގޮތެއް ކަމަށެވެ. އަދި މިހާތަނަށް އެމަނިކުފާނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ދެ މައްސަލައިގައި ވެސް އެއްވެސް ކަހަލަ ހެއްކެއް ނެތް ކަމަށާއި ހަމައެކަނި އޮތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެެ ދޮގު ބަޔާނެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަހުމަދު އަދީބު ބުނެފައި އޮތް ދޮގު ބަޔާނެއް އޮތީ. އެއަށް ބާރުދޭ އެއްވެސް އެއްޗެއް އޮތީކީއެއް ނޫން. އެހެންވީމަ އެކަމެއް ވެސް ނުވާނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން މިހެން ވިދާޅުވި އިރު ސިޔާސީ ވާދަވެރިޔާ ޖަލަށްލާތަން ދެން ނުފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެން، ރާއްޖޭގައި ޒަމާނުއްސުރެ އޮތް ސިޔާސީ ގޮތުން ބަދަލުހިފުމުގެ ރޫހު ނައްތާލާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ވާދަވެރިޔާ އެއީ، ސިޔާސީ ވާދަވެރިއަަށްވާތީ ހިފާ ހައްޔަރުކޮށް، ޖަލަށްލީ ތަނެއް، މިދިޔަ އެއް އަހަރު ތެރޭގައެއް ނުފެންނާނެ. ކުރިއަށް އޮތް ތަނުގައި ވެސް ނުފެންނާނެ،" ރައީސް ވިދާޅުވި އެވެ.