ވޯޓު އޮޅުވާލުމުގެ ނިޒާމު އަނބުރާ ގެންނަން މި ސަރުކާރުން އުޅޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ތުހުމަތު ކުރައްވައިފި އެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިމިވަނީ ރިޔާސީ އިންތިހާބު އެއް ބުރުން ނިމޭ ގޮތް ހަދަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަހާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ޕްރެފަރެންޝަލް ވޯޓިން (އިސްކަންދޭ ތަރުތީބުން ވޯޓުދޭ) ސިސްޓަމްގެ ތެރެއިން ރިޔާސީ އިންތިހާބު އެއް ބުރުން ނިމޭ ގޮތް ހަދަން އުޅުމަކީ ނުބައި ސިގްނަލެއް ކަމަށާއި މީގެ ބޭނުމަކީ ވެރިކަމުގައި އޮވެ، ވޯޓު ފޮށިތައް އަނެއްކާވެސް މާލެ އަށް ގެނެސް އޮޅުވާލާނެ ނިޒާމަށް އަނބުރާ ދިޔުން ކަމަށެވެ.
"މި ކަންކަމަކަށް އަޅުގަނޑުމެންނެއް މަޑަކުންނެއް ނުތިބެވޭނެ. އަޅުގަނޑުމެން މިކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަޖެހޭ ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
މި ސަރުކާރަށް ތަންމިނަށް ފުރުސަތު ދީގެން ތިބެވިއްޖެ ކަމަށާއި ނަމަވެސް އިގްތިސާދާއި މުޅި ގައުމު މިހާރު ފުނޑިފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. މިއީ ބީރު ސަރުކާރެއް ކަމަށާއި ކަންކަން އަޑު އިވެނީ ވަރަށް ބާރަށް ބުނެގެން ކަމަށްވެސް ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދެވަނަ ބުރަކަށް ދާ ހާލަތުގައި އިހުތިޔާރު ކުރާނެ ފަރާތެއް ފުރަތަމަ ބުރުގައި ކަނޑައެޅޭ ގޮތް ހެދުން މާ މުހިއްމު ކަމަށާއި ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންތައް އުވާލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މާނައަކީ އެއް ބުރުން ނިމޭނެއޭ. އެއް ބުރުން އެއްވަނަ ދެވަނަ ސާފުވާ ގޮތަށް، އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެޓާނީ ޖެނެރަލްއާ ހަވާލުކޮށްގެން އެކަމުގެ ދިރާސާ މިހާރު ކުރަމުން އަންނަ ކަމަށާއި އެއީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ކަމަށްވާނަމަ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށެވެ. ރައްޔިތުން އެކަމަށް އެދޭނަމަ އަންނަ ރިޔާސީ އިންތިހާބުން ފެށިގެން އެއަށް އަމަލުކުރާނެ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރިޔާސީ އިންތިހާބު އެއް ބުރުން ބޭއްވުމުން ހަރަދު ވެސް ބޮޑުތަނުން ކުޑަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.