Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

ކޮމިޝަންތަކެއްގެ މެންބަރުންތަކެއް ވަކިކުރާ މައްސަލަ ކޮމިޓީއަށް

ތިން ކޮމިޝަނެއްގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދު ހުށަހެޅި މައްސަލަ ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

އެ ތިން ކޮމިޝަނަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ.

މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު, މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މަޖިލީހަށް ފޮނުވި ސިޓީ އިއްވަވައިދެއްވަމުން އަމީން އާންމު ފާތިމަތި ނިޔުޝާ ވިދާޅުވީ އޭސީސީގެ ގާނޫނުގައި އެ ކޮމިޝަންގެ ވާޖިބު އަދާކުރުމުގައި އެއްވެސް ބިރަކަށް, ނުފޫޒަކަށް ލެބިގެން ނުވާނެ ކަމަށެވެ. އަދި އެ ކޮމިޝަންގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަޝްވަރާއެއް ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާ ގޮތުން ވެސް ނުސީދާ ގޮތުން ވެސް އަމިއްލަ މަސްލަހަތެއް ހާސިލްކުރަން މަސައްކަތްކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެކަންކަމާ ހިލާފަށް ކަމެއް ކޮށްފި ނަމަ އެއީ ކޮމިޝަންގެ މެންބަރު ކަމުން ވަކި ކުރެވޭނެ ހާލަތެއް ކަމަށް ރިޒާ ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އޭސީސީ ކޮމިޝަންގެ ނައިބު ރައީސް އަބްދުލް ސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އެކަންކަމާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ސީއެސްސީފެ ރައީސް މުހައްމަދު ނާސިހް އެ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެ ކޮމިޝަންގެ މެންބަރު ކަމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާ ކަމަށް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

އަދި އީސީއިގެ ނައިބު ރައީސް އަލީ ނަޝާތު އާއި މެންބަރު މުހައްމަދު އާސިފް އާއި މެންބަރު ޑރ. މުހައްމަދު ޒާހިރު އެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފު އަަމަލެއް ކޮށްފައިވެ އެވެ.

ކޮމިޝަންތަކުގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށު އިރު އޭސީސީ އާއި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނު އިސްލާހުކުރަމުގެ މަސައްކަތް ވެސް އޮތީ ފަށައިފަ އެވެ. އެ ދެ ބިލުގެ ބަހުސް ނިންމައި މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.