Last Updated: November 26, 11:52
Tuesday, November 26, 2024
ޚަބަރު

"ޑެންގީ ޖެހުނު ޒުވާނާ މާލެ ފޮނުވާލިއިރު ވެސް އެކަމެއް ހަފްސާއަކަށް ނޭނގޭ"

އައްޑޫގެ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އައްޑޫން ޒުވާނަކު ޑެންގީއަށް ޕޮޒިޓިވްވެ އިތުރު ފަރުވާއަށް އިމަޖެންސީގައި މާލެ ފުރުވައިލުމާއި ހަމައަށް އެ ޒުވާނާއާއި ގުޅުން ހުރި އެއްވެސް ކަމެއްގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ އެނގިފައި ނުވާކަމަށް އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިސް ބޭފުޅަކު ވިދާޅުވިގޮތުގައި ޑެންގީ ހުންޖެހިގެން ގެނައި ޕޭޝަންޓް މާލެ ފޮނުވާލުމާއި ހަމައަށް ވެސް އެއްވެސް ކަމެއްގައި ހަފްސާ ނޫޅުއްވާ ކަމަށާއި އެހެންނަމަވެސް މިހާރު އެ ޕޭޝަންޓް މާލެ ފޮނުވާލުމުން 'މެޑަލް' ޖަހަން ވެގެން މާލެ އަށް ގުޅައިގެން ތަފާތު ވާހަކަތައް ދައްކަމުން ގެންދާ ކަމަށެވެ.

"ޕޭޝަންޓް މާލެ ފޮނުވާލުމާއި ހަމައަށް ހަމަ އެންމެ ފޯނު ކޯލެއް ވެސް ހަފްސާ ނުކުރޭ. ނޫސްތަކަށް ޚަބަރު އެރީމަ ދެން އޭނާ އެ އުޅެނީ މެޑަލް ޖަހަން. މިހާ ހިސާބަށް މިކަން ދިޔައިރު ހަފްސާގެ ޒިންމާ ނުނެގޭ. ހޭލުންތެރި ކުރުމުގެ ގޮތުން ކޮންކަމެއް ތޯ ހަފްސާއަށް ކުރެވުނީ. މިހިރީ ސިޔާސީ ވެގެން ކަމަށް ނާޤާބިލް މީހުން މަޤާމްތަކަށް އައްޔަން ކުރުމުން ލިބޭ ގެއްލުން. މިކަމުގައި ދެން ބަދުނާމު ވާނީ މި ހޮސްޕިޓަލުގެ މުވައްޒަފުން. ފަރުވާކުޑަ ވާނީ އާދައިގެ މުވައްޒަފުން" ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ ގިނަ ދުވަސް ވެފައިވާ މުވައްޒަފަކު ބުންޏެވެ.

އައްޑޫ ސިޓީ އިން ފުރަތަމަ ފަހަރަށް ޑެންގީ ހުން ޖެހިގެން މީހަކު އެޑްމިޓް ކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އަދިވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އެއްވެސް ކަމެއް ހިންގާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މިކަމާއި ބެހޭގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަފްސާގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެބޭފުޅާގެ ބަހެއް ވަނީ މިކަމުގައި ލިބޭގޮތް ވަނީ ނުވެފައެވެ.

މިފަދަ ނުރައްކާތެރި ބައްޔަކަށް މީހަކު ޕޮޒިޓިވް ވެފައިވާ އިރު ކަމާއި ބެހޭ ފަރާތްތަކުން މިކަމުގައި ސީރިއަސްކޮށް މަސައްކަތް ކުރާތަނެއް ނުފެނެއެވެ. އެހެންވެ އައްޑޫ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.