އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.
މިއަދު ކޮމިޓީ އަށް އަށް އެ ހުށަހެޅުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނެވެ. ހުށަހެޅުމަށް ތާއީދުކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
އެގޮތުން 241 ކޮމިޓީން ނިންމީ ކަމާ ގުޅުން ހުރި އިދާރާތަކާ ބައްދަލުކޮށް، މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައި އޮތް ބިލުގެ މަސައްކަތް ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އަވަހަށް ފާސްކުރުމަށް ބާރު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އޮތީ މިދިޔަ މަހުގެ 28 ގައި ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ.
މީގެ ކުރިން ވެސް އެ ބިލުގެ މަސައްކަތް ލަސްވާތީ އެމްޑީޕީން ކުއްލި މައްސަލަތައް ހުށަހަޅާފައިވެއެވެ. ނަމަވެސް އެ މައްސަލަތައް ބަލައިނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްފައެވެ. ހަމައެއާއެކު އެ ބިލު ލަސްވާ ސަބަބު ސާފުކުރުމަށް، ބިލު ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ. ނަމަވެސް މިހާތަނަށް އެ ސަބަބެއް ހާމަކޮށް ދީފައެއް ނުވެ އެވެ.
ބިލުގެ މަސައްކަތް އަވަސްކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ވީހާވެސް އަވަހަކަށް އެ ބިލުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލީހުން އެ އަވަހަށް ފާސްކުރުމަށް ބާރުއަޅައި ދިނުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް ވަނީ ހުށަހަޅައިފަ އެވެ.
އެ ގަރާރުގައި ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށްޓަކައި ދެމުންދާ ހަމަލާތަކަށް އަހަރެއްވެގެން ދިޔައިރު، އެ މައްސަލާގައި އިޒްރޭލު ކުށްވެރިކުރުން ފިޔަވައި އެކަމާ ގުޅިގެން ހަރުދަނާ އެއްވެސް ފިޔަވަޅެއް އެޅުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށެވެ.
މި އަހަރުގެ ޖޫން މަހުގެ 10 ގައި ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް، 241 ކޮމިޓީއަށް ފޮނުވި ނަމަވެސް ކޮޓީގައި އެ އޮންނަތާ ފަސް މަސްވެގެން ދިޔައިރު އޭގެ މަސައްކަތް ލަސްވާތީ އެމްޑީޕީ އާއި އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމަކު ކޮމިޓީ އަށް ވެސް އެ ބިލުގެ މައްސަލަ އެޖެންޑާނުކޮށް އޮތުމަށް ފަހު، މައްސަލަ ވަނީ އެޖެންޑާކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.