Last Updated: November 26, 11:52
Tuesday, November 26, 2024
ޚަބަރު

ޑެންގީ ދެނެގަންނާނޭ ގޮތާއި ދަރިފުޅު އެ ބަލިން ސަލާމަތް ކުރުން

ޑެންގީ ހުމަކީ ސޫފީގެ ޒަރިއްޔާ ފެތުރޭ (އާރބޯ ވައިރަސް) ބާވަތުގެ ވައިރަސް އަކުން އިން ޖެހޭ ހުމެކެވެ.

މި ވައިރަލް ހުން ޖެހުމުން ހަށިގަނޑުގެ ކަށިތަކާއި މަސްތަކުގައި ގަދައަށް ރިއްސުމާއި، ހުން އައުން އަދި ހަންގަނޑުގައި ބިހިގަނޑު ނުވަތަ ފިއްގަނޑު ނަގައެވެ. އަދި ލޮލުގެ އެތެރޭގައި ނުވަތަ ލޮލުގެ ވަޅުގަނޑުގެ ކަށިތަކުގައި ގަދައަށް ރިއްސުމަކީވެސް ޑެންގީ ހުމުގެ އަލާމާތެކެވެ.

ކަށިތަކުގައި ރިއްސުން މިއީ ޑެންގީގެ އެންމެ ސާފު އެއް އަލާމާތެވެ. މީގެ ސަބަބުން ދުނިޔޭގެ ގިނަ ހިސާބުތަކުގައި މި ބައްޔަށް ދީފައިވާ ވަނަމަކީ “ކަށިތައް ހަލާކު ކުރާ ހުން” (ބްރޭކް ބޯންސް ފީވަރ) އެވެ.

ޑެންގޫ ހުމުގެ އަލާމާތްތައް

ޑެންގީ ހުމުގެ އަލާމަތް ތަކުގެ ތެރޭގައި އާންމުކޮށް ހިމެނެނީ ގަދައަށް ހުންއައުމާއި ރޯގާޖެހުމާއި ހޮޑުލުމާއި ހަންގަނޑު ކުރަކިވުމާއި ހުޅުހުޅުގައާއި ލޮލުގެ ބޮނޑިމަތީގައި ރިއްސުން ހިމެނެއެވެ. މި އަލާމާތްތައް ބައެއް ކުދިންގެ ކިބައިން ނުފެނުނު ނަމަވެސް ދެ ދުވަހާއި ފަސްދުވަހާ ދެމެދަށް މިކަންތައް ކުރިމަތިވާނެއެވެ.

ޑެންގީ ހުމުގެ ފަރުވާ

ޑެންގީ ހުމަށް ވަކި ހާއްސަ ފަރުވާއެއް ނެތެވެ. އެހެން ނަމަވެސް، ހުން ކޮންޓްރޯލް ކުރުމަށާއި، ފެންމަދުވިޔަނުދީ ބެލެހެއްޓުމަށް ފަރުވާ ކުރަންޖެހެއެވެ. މިގޮތަށް ފަރުވާ ނުދެވިއްޖެނަމަ ކުއްޖާގެ ފުރާނައަށް ނުރައްކާވެދާނެއެވެ. އެހެންކަމުން ބަލީގެ އަލާމާތްތައް ކުއްޖާގެ ގައިން ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އަވަސްވެގަންނާށެވެ.

ޑޮކްޓަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުއްޖާއަށް ފަރުވާ ދެމުންގެންދާށެވެ. މިގޮތަށް ފަރުވާދެމުންދާއިރު ފައިދާހުރި ރަނގަޅުކާނާ ކުއްޖާއަށް ދިނުމަށް އިސްކަންދޭށެވެ. އަދި ކުއްޖާއަށް ހުންޖެހިގެން އުޅޭ އިރު ބޭރަށް ނެރުމާއި، މީހުންގިނަވާ ތަންތަނަށް ނުގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޑެންގީހުމުން ސަލާމަތްވުމާއި ކޮންޓްރޯލް ކުރުން

ޑެންގީ ހުމަށް ވެކްސިނެއް ހޯދިފައިނުވާއިރު، މިބަލިން ސަލާމަތްވުމަށް އެންމެ މުހިއްމު ކަމަކީ ޑެންގޫ ފަތުރާ މަދިރި ނައްތާލުމެވެ. މިފަދަ މަދިރި ނައްތާލުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލަންޖެހެއެވެ. އެގޮތުން ގެއާއި ގޯތިތެރޭގައި ހުރި މަދިރި އުފެދޭ ތަންތަން ނައްތާލުން ވަރަށް މުހިންމެވެ. އަދި ދަރިފުޅު ނިންދަވާއިރު މަދިރިގޮށި ޖަހައި ކުއްޖާ މަދިރިން ސަލާމަތް ކުރުން ވަރަށް މުހިއްމެވެ.

އަތާއި ފައި ނިވާވާފަދަ ދިގުކޮށް ހުންނަ ހެދުން ކުދިން ލެއްވުންވެސް މިއީ މަދިރިން ސަލާމަތްވުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ. އަދި މަދިރި ހެފުމުން ރައްކާތެރި ކޮށްދޭ ލޯޝަނާއި، ސްޕެރޭ އަދި ކޮއިލްފަދަ ތަކެތި ބޭނުންކުރާށެވެ. އަދި މުހިއްމު ކަމެއްގެ ގޮތުގައި އިރުއަރާވަގުތުގައާއި އިރުއޮއްސޭވަގުތު ކުދިން ގެއިން ބޭރަށް ނުނެރުމަށް އިސްކަންދޭށެވެ.