މިއީ ދޮގުވެރި އަދި އަނިޔާވެރި ސަރުކާރެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ވަޑައިގެންނެވީ ހުރިހާ އެއްޗެއް ހާމަކުރާނެ ކަމަށް ބުނަމުން ކަމަށާއި ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހެޅިއިރު އޭގެ ތަފްސީލެއް ވެސް މަޖިލިސް މެމްބަރުންނަށް ދީފައި ނުވާ ކަމަށެވެ. މިއީ ތަފްސީލެއް ދިނުމެއް ނެތި މަޖިލީހަށް ބަޖެޓެއް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށް ސޯލިހު ވިދާޅުވި އެވެ.
"މިއީ ސިއްރު ސަރުކާރެއް. ދޮގުވެރި ސަރުކާރެއް. އަނިޔާވެރި ސަރުކާރެއް. މުނާފިގު ސަރުކާރެއް،" ސޯލިހު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ކަމަށާއި ވެވަޑައިގެންނެވި ވައުދުތައް ހުރި ގޮތަށް ހުރިއިރު، މި ސަރުކާރުން ކުރާ ކަމެއް "ހަރާން" ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ކުރާ ކަމަކީ ބާރުތައް ޖަމާކުރުމުގެ މަސައްކަތް ކަމަށާއި ބާރުތައް ދޫކޮށްލުމަކީ ހުދުމުހުތާރު ވެރިންނަށް ކުރަން އުނދަގޫ ކަމެއް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
މީގެއިތުރުން މިއަހަރަށް ފާސްކުރި 49 ބިލިއަން ރުފިޔާގެ ބަޖެޓް މި ސަރުކާރަށްވީ 8 މަސްތެރޭ ބާރު ސްޕީޑުގައި ހުސްކޮށްލާފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގެ ރަށެއްގައި ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި މިއީ އެންމެން އެކީ ތެދުވެ ނިކުންނަންވީ ވަގުތު ކަމަށާއި ރާއްޖެ މިހާރު މިއޮތީ ފުނޑިފައި ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.