ޑައިރެކްޓަރު އަނީސް ބަޒްމީގެ ކޮމެޑީ ފިލްމު "ނޯ އެންޓްރީ 2" ގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށް އެ ފިލްމުގެ ކާސްޓްގައި ހިމެނޭ އަރުޖުން ކަޕޫރް ބުނެފި އެވެ.
މި ފިލްމަކީ އޭނަގެ ބައްޕަ، ޕްރޮޑިއުސަރު ބޯނީ ކަޕޫރް 2005 ގައި ޕްރޮޑިއުސްކޮށް ގެނެސްދިން ކާމިޔާބު ފިލްމު "ނޯ އެންޓްރީ" ގެ ސީކްއެލް އެވެ. އެކަމަކު މުޅިން ތަފާތު ކާސްޓަކާ އެކީ ދެވަނަ ބައި ހަދަން ނިންމި އިރު، ފިލްމުގެ ބަތަލުންގެ ތެރޭގައި ހިމެނެނީ އަރުޖުންގެ އިތުރުން ވަރޫން ދަވަނާއި ދިލްޖީތު ދޮސަންޖެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި "ނޯ އެންޓްރީ 2" އާ ބެހޭ ގޮތުން އަރުޖުން ބުނީ ފިލްމުގެ ޝޫޓިން އަންނަ އަހަރު ފެށުމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
"އެކަމަކު މި ވާހަކަ ރަސްމީކޮށް ދެއްކުމުގެ އައުލާކަން އެންމެ ބޮޑީ އަނީސް ސާ ނުވަތަ ބައްޕަ." އޭނަ ބުންޏެވެ.
"ނޯ އެންޓްރީ 2" އަކީ އަނީސްއާ އެކީ އަރުޖުން މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. އޭނަގެ 2016 ގެ "މުބާރަކަން" ގެ ރޯލެއް ވެސް އަރުޖުން ކުޅެފައިވެ އެވެ. ނަމަވެސް "ނޯ އެންޓްރީ 2" ވާނީ ވަރޫން އާއި ދިލްޖީތު، އަނީސްއާ އެކީ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ.
ކާމިޔާބު އަދި ރީތި އެތައް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ އަނީސްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 1 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ވަރުގަދަ ވިޔަފާރިއެއް ކުރަމުން އަންނަ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" އެވެ.
އޭނަގެ "ނޯ އެންޓްރީ 2" އަށް ތައްޔާރީތައްވަމުން އަންނަ އިރު، ކުރީގެ ފިލްމުގެ އެއްވެސް ކާސްޓެއް އާ ފިލްމަކު ނުހިމެނޭނެ އެވެ. "ނޯ އެންޓްރީ" ގެ ތަރިންނަކީ ބޯނީގެ ކޮއްކޮ އަނިލް ކަޕޫރާއި ސަލްމާން ޚާނާއި، ލާރާ ދައްތާ އާއި ބިޕާޝާ ބާސޫ އާއި އީޝާ ޑިއޯލްގެ އިތުރުން ސެލީނާ ޖެއިޓްލީ އެވެ.
"ނޯ އެންޓްރީ 2" ގެ ބަތަލުން ފައިނަލް ވިޔަސް އަދި މީގެ ބަތަލާއިންނަކީ ކޮބައިކަން އިއުލާނެއް ނުކުރެ އެވެ. އެކަމަކު ގިނަ ބަތަލާއިންތަކެއް ފިލްމުގައި ހިމެނޭނެކަމުގެ އަޑުތަކެއް ކުރިން އަރާފައިވެ އެވެ.