އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީޖަށް ހުށަހެޅި ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުން މިރޭ 11:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ބަޖެޓު ބަހުސް ފެށީ އިއްޔެ އެވެ.
ނަމަވެސް ބަޖެޓު ފޮތް ލިބުމުގައި ލަސްތަކެއްވުމާ ގުޅިގެން މެންބަރުން ފޮތަށް އަހުލުވެރިވުމަށްޓަކައި ބަހުސް ކުރިއަށް ގެންދިޔައީ ދޮޅު ގަޑިއިރެއްހާ އިރަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަަޖެޓުގެ ބަހުސެވެ.
އެގޮތުން ބަޖެޓުގެ ބަހުސް ކުރިއަށް ގެންދިއުމުގެ ކުރިން މިއަދު ވަނީ އެ ބަހުސްގައި ވާހަކަ ދައްކަވަން ބޭނުންވެވަޑައިގަންނަވާ ހުރިހާ މެންބަރުންނަަށް ވަގުތު ދިނުުމުގެ ގޮތުން މިރޭ 11:00 އާ ހަމައަށް ވަގުތު އިތުރުކޮށް، މާދަމާ ވެސް ވާހަކަ ދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުން އެ ފުރުސަތު ދޭން ވަނީ ފާސްކޮށްފަ އެވެ.
އެކަމަށް އެހި ވޯޓުގައި ބައިވެރިވެވަޑައގެންނެވި 52 މެންބަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 31 ގަ އެވެ. އޭގެ ފަހުން މި މަހު 4 ގައި ބޭއްވި ބަޖެޓު ކޮމެޓީ ބައްދަލުވުމުގައި ވަނީ މި މަހު 20 އަށް ބަޖެޓު ދިރާސާކޮށް ނިންމަން ވެސް ކަނޑައަޅައިފަ އެވެ.