Last Updated: November 21, 22:11
Thursday, November 21, 2024
ޚަބަރު

ފަރުވާ އަށް އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު

ޑްރަގް ފަރުވާ އަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެކަމާ ގުޅޭ ގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާކުތަކެއްކޮށްފައި ވަނީ އްވީ މިދިޔަ މަހުގެ 17 ގަ އެވެ. މި މަޝްވަރާގައި ވަނީ ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ޙުކުމް ކުރެވި ފަރުވާ ތަންފީޒު ކުރަން ފެށުމަށް ފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ނިންމައިފަ އެވެ.

އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު (ރާޑޯ) ވިދާޅުވީ ޑްރަގް ފަރުވާ އަށް އެއްބާރުލުން ނުދޭ މީހުން ފުލުހުން މެދުވެރިކޮށް މަގުމަތިން މިހާރު ނަގަން ފަށަފައިވާ ކަމަށެވެ.

އަދި ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން އެކަމަށް އެއްބާރުލުން ދިނުމަށް އޭނަ އެދިވަޑައިގެންފައިވެ އެވެ. އެގޮތުން ފަރުވާ އަށް ދާން ޖެހޭ 200 އަށް ވުރެ ގިނަ މީހުން ތިބިކަން ރާޝިދު ފާހަގަކުރެއްވި އެވެ.

"މަގުމަތީގަ ފަރުވާއަށް ނުގޮސް ހުކުމް ތަންފީޒުނުވެ ހުރުމުގެ ފުރުސަތު ދެނެއް އަޅުގަނޑުމެންނެއް ނުދޭނަން. ފަރުވާއަށް އަންނަން ޖެހޭ ދުއިސައްތައަށް ވުރެ ގިނަ މީހުން އެބަތިބި. އޭގެ ތެރޭގައި އެކި ހާލަތްތަކުގަ ތިބި މީހުން ތިބޭނެ،" އޭނަ ވިދާޅުވި އެވެ. "އޭގެ ތެރޭގައި ކޮމިއުނިޓީއަށް ހުކުމްކޮށްފަ ތިބި މީހުންވެސް އެބަތިބި. ބޮޑަށް މި ފޯކަސް ކުރަނީ އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއަށްނު ވަދެ ތިބި މީހުން ހަމަމަގަށް އަޅުވާ އެ މީހުން ފަރުވާގެ ނިޒާމަށް ވެއްދުން."

ފަރުވާ ތަންފީޒު ކުރަން ފެށުމަށް ފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަން ފަށާފައިވާ އިރު، ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އެ މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައި ވަނީ ކ. ކާށިދު އާއި ނ. ވެލިދޫގެ އިތުރުން އަދި ލ. އަތޮޅުގަ އެވެ.

އެންޑީއޭ އިން ބުނީ ރާއްޖެއިން ބޭރުން ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެލޭޝިޔާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީއާ އެކު އެމްއޯޔޫގައި ސޮއިކުރެވި އެންޑީއޭން ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެންޑީއޭގެ ރިމާންޑް ސެންޓަރުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، އެންޑީއޭގެ ރެޒިޑެންޝަލް ފަރުވާގެ ޚިދުމަތް ދެވޭ ހުރިހާ މަރުކަޒުތަކުން ރިމާންޑް ސެންޓަރުގެ ޚިދުމަތް ދެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އަދި ގއ. ދާންދޫ ޞިއްޙީ މަރުކަޒާއި އެންޑީއޭ ގުޅިގެން އެ ރަށުގައި ޑިޓޮކްސްގެ ޚިދުމަތް ފަށާފައިވާ އިރު، ކަމަށާއި ފުވައްމުލައް ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން މެތަޑޯން ފަރުވާގެ ޚިދުމަތް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ.