Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު

އެމްޑީޕީގެ އިސްވެރިން ހައްޔަރު ކުރަން ޖެހޭ: ޝަމީޒް

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އިސްވެރިން ހައްޔަރު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝަމީޒް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން އޭނަ ވިދާޅުވީ ކުރީގެ ސަރުކާރުން ރާއްޖޭގެ ފަޅުރަށްތަކާއި، ގިރިތަކާއި، ޗާގޯސް ވިއްކާލާފައިވާ ކަމަށެވެ. އެހެންވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހައްޔަރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ،

ޝަމީޒު ވަނީ ކުރީގެ ސަރުކާރުން ކަނޑުފަޅާއި، ފަޅުރަށްތަކާއި، ގިރިތައް އެ ސަރުކާރުގެ ގާތް މީހުންނަށް ދީފައިވާ ކަމަށް ތުހުމަތުކޮށް ގާތްގަނޑަކަށް 50،000 އެއްހާ މެންބަރުން ތިބޭ އެމްޑީޕީގެ ފިކުރަކީ ނުރައްކާތެރި ފިކުރެއް ކަމަށް ވިދާޅުވެފަ އެވެ

"މިއީ ދިވެހި ރައްޔިތުން ކުރިމަތީގައި ރޯމާ ދުވާލު ކުރި ވައްކަމެއް. މިކަން ކުރި މީހުން ހިފާ، ހައްޔަރު ކުރަން އަޅުގަނޑު ގޮވާލަން. އަބްދުﷲ ޝާހިދު ހައްޔަރު ކުރަންވީ. އިބްރާހިމް މުހައްމަދު ސޯލިހް ހައްޔަރު ކުރަންވީ،" އޭނަ ވިދާޅުވި އެވެ. "ފައްޔާޒް ހައްޔަރު ކުރަންވީ."

އަދި ޗާގޯސް ވިއްކައިލި ކަމަށް ތުހުމަތުކޮށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިން އަމީރު ވެސް ހައްޔަރު ކުރަން ޖެހޭ ކަމަށް ޝަމީޒް ވިދާޅުވި އެވެ. އޭނަ އަދި ވަނީ އެ ބޭފުޅުންގެ މައްޗަށް ގާނޫނު ތަންފީޒު ނުކުރެވެންވީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ. އަދިހިޔާނާތްތެރިވާ މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.