Last Updated: December 26, 18:55
Thursday, December 26, 2024
ޚަބަރު

ސަމާހުގެ މަރު: ކާރު ދުއްވަން އިން ވިސާމަށް ދައުވާކޮށްފި

ހުޅުމާލޭގައި ސްޕޯޓްސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފި އެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީގެ މައްޗަށެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މިމައްސަލައިގައި ދައުވާ ކުރުމަށް އޮކްޓޫބަރު 19 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ވިސާމްގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ ދަށުން މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއެވެ. މި ކުށް ސާބިތުވެއްޖެނަމަ 6 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ސެންޓްރަލް ޕާކް ކައިރީ ހިނގި އެކްސިޑެންޓެއްގައި މަރުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު، 23، އެވެ. އޭނާ މަރުވީ އެކްސިޑެންޓާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.