ރާއްޖޭގައި ވޭޕް މަނާކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުމަށްޓަކާ ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އެވެ. މި ބިލު މަޖިލީހުން ފާސްކުރީ އިއްޔެ އެވެ.
މި ބިލުގައިވާ ގޮތުން ރާއްޖެއަށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕުކުރަން ބޭނުންކުރާ ތަކެތި އެތެރެކޮށްފިނަމަ އެ ފަރާތެއް 50،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި، އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން ރާއްޖޭގައި ވޭޕު ވިއްކާ ކޮންމެ ފަރާތެއް 20،000ރ. ޖޫރިމަނާ ކުރުމަށް ބިލުގައި ހިމަނާފައިވާއިރު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.
އަދި ހިލޭ ވޭޕެއް މީހަކަށް ދީފިނަމަ 10،000ރ. ގެ ޖޫރިމަނާއެއް އަދި އެތަކެތި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ވޭޕު މަނާކުރުމުގެ އިތުރުން ސިނގިރޭޓު އަދި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލް ކުރުމާއި ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ވަގަށް އެތެރެ ކުރުން ހުއްޓުވުމަށް ވެސް ގިނަ ކަންތައްތަކެއް މި ބިލުގައި ވަނީ ހިމަނާފަ އެވެ.
މި ބިލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން ފެށިގެންނެވެ. އަދި އެ ތަކެތި ބޭނުން ކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ވާނެ ކަމަށް ބިލުގައި ވެ އެވެ.