ދައުލަތަށް ހިޔާނާތްތެރިވި މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް ދައުލަތުގެ މީޑިއާ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ މީހުންނާއި ދޭތެރޭގައި ސިޔާސީ ނަޒަރަކުން ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ނޫން ކަމަށާއި ނަމަވެސް ސިޔާސީ މީހަކު ވިޔަސް ދައުލަތަށް ހިޔާނާތްތެރިވެފައި އޮވެއްޖެނަމަ އެމީހެއްގެ މައްސަލަ ބަލާނެ ކަމަށެވެ.
"ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަކީ އެމީހާ އަށް ވައްކަންކޮށް، ދައުލަތަށް ގައްދާރުވެ، ދައުލަތަށް ހިޔާނާތްތެރިވާން ލިބޭ ލައިސެންސެއް ނޫނެއް ނޫންތޯ. އަދި އޭނާ ބަރީއަވާން ވެސް ޖެހޭ ކަމެއް ނޫނެއް ނޫންތޯ އެއީ. އެހެންވީމާ އެ ކަންކަން ބެލޭނެ،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ކުރީ ސަރުކާރުން 40 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށްޓަކާ 60 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ޑިޒައިންކުރި ކަމަށާއި އަދި މި މަސައްކަތް ކުރުމަށް ހަވާލުކުރި ކުންފުންޏަށް 3.6 މިލިއަން ޑޮލަރު ދިން ނަމަވެސް މިކަމާ ގުޅޭ އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. މިއީ ސުވާލު އުފެދޭ ކަންކަން ކަމަށާއި މި ކަންކަން އޮޑިޓްކޮށް ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އަދި ޖަލުތައް އަޅަން ހަވާލުކުރި ޕްރޮޖެކްޓުތައް ވެސް ހުރީ ނުނިމި ކަމަށާއި ނަމަވެސް ފައިސާ ހުރީ އެކަމަށް ހަރަދުކޮށްފައި ކަމަށް ވިދާޅުވި އެވެ. އަދި ނުބައްދަލު އަގުތަކެއްގައި ޕްރޮޖެކްޓުތައް ހަވާލުކޮށްފައި ވެސް އެބަހުރި ކަމަށާއި މީގެ ކޮންމެ ޕްރޮޖެކްޓެއް އަގުމަގު ކުރެވިފައި ހުރި ގޮތާއި ހަވާލުކުރެވުނު ގޮތް ބަލާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.