މިހާތަނަށް ފެނުނު އެންމެ ބޮޑު މުރަކަ ޕެސިފިކް ކަނޑުން ފެނިއްޖެ އެވެ.
ސޮލަމަން އައިލޭންޑްސް ސަރަހައްދުން މި ހަފުތާގައި ފެނުނު މި މުރަކައިގެ ބޮޑު މިނުގައި 11،760 ފޫޓް ހުއްޓެވެ. އަދި އޭގެ އުސްމިނުގައި 5.5 މީޓަރު ހުއްޓެވެ. މިއީ 300 އަހަރެއްހާ ދުވަސްވީ ބިޔަ މުރަކައެއް ކަމަށް ލަފާކޮށްފައިވެ އެވެ.
މި މުރަކަ ފެނިފައި ވަނީ މޫސީ ބަދަލުތަކުގެ ސަބަބުން ސަބަބުން ޕެސިފިކް ކަނޑުގެ ދެކުނު ހުޅަނގު ސަރަހައްދަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ނެޝަނަލް ޖޯގްފަރީގެ ޓީމަކުން އެ ސަރަހައްދުގައި ކުރަމުން ދިޔަ މަސައްކަތްތަކެއްގެ ތެރޭގަ އެވެ. އެގޮތުން މިހާތަނަށް ފެނުނު އެންމެ ބޮޑު މުރަކަ ފެނުނީ ނެޝަނަލް ޖޯގްރަފީގެ ވީޑިއޯގްފާރެއް ކަމަށްވާ މަނޫ ސެން ފެލިކްސްއަށެވެ.
"މި ފެނުނު ސަރަހައްދަކީ ކުރިން ބޯޓެއް ވެސް ފެތިފައި އޮތް ސަރަހައްދަކަށްވާތީ ފުރަތަމަ ހީކުރީ އެހާ ފުނުން މާ ބިޔަ އެއްޗެއް ފެނުނީމަ ބޯޓް ކަމަށް،" އޭނަ ބުންޏެވެ. "އެކަމަކު ކައިރިވެލީމަ އެނގުނީ މިއީ ބޮޑޔު ސަރަހަދައްކަށް ފެތުރުގައި އޮތް ބިޔަ މުރަކައެއްކަންކަން."
މަނޫ ބުނި ގޮތުގައި އެ ހިސާބުން އޭނަގެ އިތުރު ބައިވެރިންނަށް ގޮވައި، އެ މުރަކައިގެ ބޮޑުމިން ނަގަން މަސައްކަތްކުރި އެވެ.
"މިކަން އަސްލުވީ ވަރަށް އުންމީދު ނުކުރާ ކަހަލަ ކަމަކަށް. އެހެންވެ އެހާ ބިޔަ މުރަކައެއް ފެނުންވީ ވަރަށް ޖަޒުބާތީ ވެސް ކޮށްލި ކަމަކަށް." ފީނުމުގެ ތަޖުރިބާކާރު ބުންޏެވެ.
މަނޫގެ ޓީމުން ކިޔައި ދިން ގޮތުގައި މި ބިޔަ މުރަކަ އަށް ގެއްލުންތަކެއްވެފައިވާ ކަމަކަށް ފާހަގައެއްނުކުރެ އެވެ. އެހެންވެ އެ ފެނުނީ ސިއްހަތު ވަރަށް ރަނގަޅުކޮށް ކަމަށް ޓީމުން ބުންޏެވެ.
ޓީމުން ބުނި ގޮތުގައި އެ މުރަކަ އެހާ ރަނގަޅު ހާލަތުގައި އޮތީ އާންމުކޮށް މުރަކަ ހެދޭ ހިސާބަށް ވުރެ މާ ފުނުގައި އޮތުމުން ލިބުނު ރައްކާތެރިކަމާ ހެދި އެވެ.
މި "ތާރީހީ" މުރަކައިގެ ވާހަކަ އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮޕް 29 ސަމިޓަށް ވެސް ތިލަކޮށްފައިވެ އެވެ. އެގޮތުން މީޑިއާތަކާ ވާހަކަ ދައްކަވަމުން ސޮލަމަން އައިލޭންޑްސްގެ ކްލައިމެޓް މިނިސްޓަރު ޓްރެވާ މަނެމެހާގާ ވިދާޅުވީ މިއީ އެ ގައުމަށް ލިބުނު ފަހުރެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަހަރެމެންގެ އިގުތިސާދު ވެސް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ކަނޑުފަޅުގެ ވަސީލަތްތަކަށް. އެހެންވެ މި ބިޔަ މުރަކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ސޮލަމަން އައިލޭންސްގެ އިގުތިސާދަށް ވަރަށް މުހިއްމު ކަމަކަށް ވާނެ." އޭނަ ވިދާޅުވި އެވެ.