ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރަން ނިންމައިފި އެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މީކާއިލް ހުށަހެޅި ކުއްލި މައްސަލައާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ކުއްލި މައްސަލައިގައި މަޖިލީހުގެ ގަވައިދު ބުނާ ޝަރުތުތައް ފުރިހަމަނުވާތީ މިއަދުގެ ޖަލްސާއަށް ހުށަހެޅެން ނެތްކަމަށެވެ.
މީކާއިލް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު ފަރުމާކޮށްފައިވަނީ، ނޫސްވެރިންނާއި މީޑިއާ ހިންގާ ފަރާތްތައް ސަރުކާރުގެ މުށުތެރެއަށްލައި މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބާރު ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް ހެދުމަށް ކަމަށެވެ. އަދި ރައީސް އައްޔަނުކުރާ މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަކަށް ދިނުމާއެކު ބޮޑެތި އަދަދުތަކުން ނޫސްވެރިންނާއި މީޑިއާތައް ޖުރިމަނާކޮށް ނޫސްތަކާއި މީޑިއާތައް ބަންދުކޮށްލުމުގެ ފުރިހަމަ މިނިވަންކަން ސަރުކާރަށް ލިބިގެންދާ ގޮތަށް ބިލު ފަރުމާކޮށްފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.
"މި ބިލަކީ، ޤާނޫނުއަސާސީންނާއި ގާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިކޮށް، ރައްޔިތުންގެ މިނިވަންކަން ނަގާލުމުގެ ނިޔަތުގައި ސަރުކާރަށް ލިބފައިވާ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔތުގެ ނާޖައިޒް ބޭނުންކޮށްގެން ހިންގަމުންދާ ޖަރީމާތަކަށް އިތުރުކުރެވޭ ބޮޅެއް ،" މީކާއިލް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
ކުއްލި މައްސަލައިގައި ވަނީ ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން މިފަދަ ބިލުތައް ފާސްކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފަ އެވެ.