ޑޮލަރު މާރު ކުރުން ލާޒިމުކުރާތީ ޓޫރިޒަމް ދާއިރާގެ ކަންބޑުވުންތަކާ ގުޅިގެން އެ ދާއިރާގެ ވިޔަފާރިވެރިންނާ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ބައްދަލުވުމެއް ބޭއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.
އޭނަ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް އަށް އެޑްރެސް ކުރައްވައި އޭނަ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޓޫރިސްޓު ފެސިލިޓީތަކަށް ލިބޭ ޑޮލަރުން ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމުން ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަމަށެވެ.
"ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރުކުރަން ލާޒިކޮށްފައިވާތީ ޓޫރިޒަމް ސިނާއަތުގައި އެކަމާ މެދު ނުހަނު ބޮޑަށް ކަންބޮޑަުވުން އޮތް ކަމަށް ދެކެމެވެ،" މެންބަރުގެ ސިޓީގައިވެ އެވެ.
އޭނަ ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެ ގަވާއިދަކީ ޓޫރިޒަމް ސިނާއަތުގެ ވިޔަފާރީގެ ހަގީގަތްތަކާ ދުރު ރާއްޖޭގެ މި ވަގުތުގެ އިގުތިސާދީ ހާލަތާ ނުބައްދަލު ގަވާއިދެއް ކަމަށެވެ.
"ދެންނެވުނު ގަވާއިދާއި އަދި އެ ގަވާއިދާ ގުޅޭ ގޮތުން މިހާތަނަށް ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށާއި ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުން ދެނެގަތުމަށްޓަކައި ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިވާ ވިޔަފާރިތަކާއި އަދި ވިޔަފާރިވެރިންނާ ބައްދަލުކޮށް، އާންމުނކޮށް ހުޅުވާއިލައިގެން ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކިމިޓީން އެ ފަރާތްތަކުގެ އަޑު އެހުމުގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމުކޮށް ދެއްވިމަށް ދެންނެވީމެވެ،" ސިޓީގައިވެ އެވެ.
ރާއްޖޭގެ 173 ރިސޯޓަކުން ޑޮލަރު މާރުކުރަން އެމްއެމްއޭގައި ރެޖިސްޓަރީކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފައިވެ އެވެ. ބުނެ އެވެ.
އެމްއެމްއޭގެ ގަވާއިދަށް މޯލްޑިވްސް އެސޯސިއޭޝަން ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.