އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަންގެ އާ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
ގޯއާގައި މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމުގެ ނަމަކީ "ދިލް ކާ ދަރުވާޒާ ކޯލް ނާ ޑާލިން" އެވެ. މި އާއިލީ ލޯބީގެ ލައިޓްހާޓެޑް ފިލްމުގައި ޖަޔާއާ އެކީ ޒުވާން ދެ ތަރިއަކު ހިމެނެ އެވެ. އެއީ ސިދާންތު ޗަތުރަވެދީ އާއި ވަމީހާ ގައްބީ އެވެ.
"ދިލް ކާ ދަރުވާޒާ ކޯލް ނާ ޑާލިން" ގެ ޑައިރެކްޓަރަކީ ކާމިޔާބު ފިލްމުުތަކެއް ގެނެސްދީފައިވާ ވިކާސް ބާލް އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ގެނެސްދިން އަޖޭ ދޭވްގަން ސުޕަނެޗްރަލް ތުރިލާ "ޝައިތާން" އެވެ.
ޖަޔާއާ އަކީ ވިކާސް އަލަށް ފިލްމެއްގެ މަސައްކަތްކުރާ އިރު، އަމީތާބާ އެކީ އޭނަ މިހާތަނަށް ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ "ގުޑްބާއި" އާއި "ގަނަޕަތު" އެވެ.
މިހާރު ވަރަށް މަދުން ނޫނީ ފިލްމުތައް ނުކުޅޭ ޖަޔާ އެންމެ ފަހުން ފެނިފައި ވަނީ ކަރަން ޖޯހަރް މިދިޔަ އަހަރު ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ. "ދިލް ކާ ދަރުވާޒާ ކޯލް ނާ ޑާލިން" ގެ ފޮޓޯތަކުން ފެންނަ ގޮތުގައި މި ފިލްމުގައި ޖަޔާ ފެންނާނީ 2003 ގެ "ކަލް ހޯ ނަ ހޯ" ގައި ކުޅުނު ކަހަލަ ޒަމާނީ ސްޓައިލްގެ ރޯލަކުންނެވެ.
"ދިލް ކާ ދަރުވާޒާ ކޯލް ނާ ޑާލިން" އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އެކަމަކު އަދި ސީދާ ވަކި ތާރީހއް ނުނިންމަ އެވެ.