ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ދެ ފިލްމެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
މީގެ ތެރެއިން އެއް ފިލްމު ވަނީ ފެބްރުއަރީ 7 ގައި ރިލީޒްކުރާނެކަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާން ވެސް ކޮށްފަ އެވެ. ނަން އަދި ހާމަނުކުރާ އެ ފިލްމަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރާއި ޖުނައިދު ހިމަނައިގެން އަދުވައިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އާމިރުގެ 2022 ގެ "ލާލް ސިންގް ޗައްޑާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަން ހަދާފައިވާ މި ފިލްމަކީ 2022 ގެ ތަމަޅަ ފިލްމު "ލަވް ޓުޑޭ" ގެ ރިމޭކެކެވެ.
ޖުނައިދާއި ހުޝީގެ ފިލްމު ޕްރޮޑިއުސްކުރީ އާމިރެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ ޖުނައިދުގެ އަނެއް ފިލްމަކީ ވެސް އާމިރު ޕްރޮޑިއުސްކުރި ފިލްމެކެވެ. އެ ފިލްމުގެ ވެސް ނަން އަދި އިއުލާންކޮށްފައި ނުވާ އިރު، އޭގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ސައީ ޕައްލަވީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ތާވަލު ކުރަނީ ފެބްރުއަރީ 14 އަށެވެ. އެކަމަކު އާމިރު މި ވަގުތު "ލާޕަތާ ލޭޑީސް" ގެ ޕްރޮމޯޝަންތަކުގައި އެމެރިކާގައި ބިޒީކޮށް އުޅޭތީ މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުފެ އެވެ.
އޭނަގެ ކުރީގެ އަންހެނުން ކިރަން ރާއޯ މި އަހަރު ގެނެސްދިން "ލާޕަތާ ލޭޑީސް" އަކީ އަންނަ އަހަރުގެ އޮސްކާގެ އެންމެ މޮޅު ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ގޮނުވަން ނިންމި ފިލްމެވެ.
ޖުނައިދުގެ ފުރަތަމަ ފިލްމަކީ މި އަހަރުގެ ޖޫންގައި ޔާޝްރާގް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދިން "މަހާރާޖް" އެވެ.