ޖަމާޢަތެއް ނެތި ހުކުރު ނަމާދެއް ނުކުރެވޭނެ އެވެ. ހުކުރު ޖަމާޢަތުގެ ޢަދަދާމެދު ޢިލްމުވެރިންގެ މެދުގައި ވަނީ ޚިލާފުވެފަ އެވެ.
– މެންދުރު ނަމާދަކީ އެކަނި ވެސް އަދި ޖަމާޢަތުގައި ވެސް އަދާކުރެވިދާނެ ނަމާދެކެވެ.
– ހުކުރު ނަމާދު ޤާއިމު ކުރެވޭނީ ރަށްރަށުގަޔާއި “ސިޓީ” (city) ތަކުގައެވެ.
– މެންދުރު ނަމާދަކީ ކޮންމެ ތަނެއްގައި ވެސް އަދާކުރެވޭ ނަމާދެކެވެ.
– ދަތުރު މަތީގައި ހުކުރު ނަމާދު ޤާއިމު ނުކުރެވޭނެއެވެ. ދަތުރުވަރެއްގައި އުޅޭ ބަޔަކު ރަށަކުން ހުރަސްކުރާއިރު އެރަށުގެ އަހުލުވެރިން ހުކުރުކޮށްފައިވާނަމަ އެ ޖަމާޢަތުގެ އަހުލުވެރިންނަށް ދެން ހުކުރެއް ނުކުރެވޭނެއެވެ.
– މެންދުރު ނަމާދަކީ ދަތުރުވެރިއަކަށްވެސް އަދި ރަށުގައި ޤާއިމުވެގެން ހުރި މީހަކަށްވެސް ޤާއިމުކުރަން ޖެހޭ ނަމާދެކެވެ.
– ޙާޖަތެއް ނެތި ރަށެއްގައި ހުކުރު ނަމާދު އެއް މިސްކިތަށް ވުރެ ގިނަ މިސްކިތުގައި ޤާއިމު ނުކުރެވޭނެއެވެ.
– މެންދުރު ނަމާދަކީ ކޮންމެ މިސްކިތެއްގައިވެސް ޤާއިމުކުރެވޭނެ ނަމާދެކެވެ.
– ވަގުތު ފާއިތުވުމުން ހުކުރު ނަމާދު ޤަޟާ ނުކުރެވޭނެއެވެ. އެހެނަސް އޭގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދެވެ.
– ޢުޛުރެއް އޮވެގެން މެންދުރު ނަމާދު ފާއިތުވާ މީހާއަށް ޤަޟާ ކުރެވޭނެއެވެ.
– ހުކުރު ނަމާދަކީ އަންހެން ކަނބަލުންނަށް ލާޒިމު ނަމާދެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ފިރިހެނުންނަށް ޚާއްޞަ (ގޮތެއްގައި ލާޒިމުވެގެންވާ) ނަމާދެކެވެ.
– މެންދުރު ނަމާދަކީ ފިރިހެނުންނަށްވެސް އަދި އަންހެން ކަނބަލުންނަށްވެސް (އަދާކުރުން) ލާޒިމު ނަމާދެކެވެ.
– ހުކުރު ނަމާދަކީ އަޅުންގެ މައްޗަށް ލާޒިމު ނަމާދެއް ނޫނެވެ. އެކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ. އަދި ބައެއް ތަފްޞީލުތައްވެސް ވެއެވެ.
– މެންދުރު ނަމާދަކީ މިނިވަނުންނާއި އަޅުންގެ މައްޗަށްވެސް ލާޒިމުކުރައްވާފައިވާ ނަމާދެކެވެ.
– ހުކުރުނަމާދުގެ ކުރިން އަދާ ކުރާ ޝިޢާރުތަކެއް ވެއެވެ. އޭގެ ތެރޭގައި ހިނައިގަތުމާއި މީރުވަސް ދުވާފަދަ އެއްޗެއް ލުމާއި (އެމީހެއްގެ އަތުގައި އޮތް) އެންމެ ރީތި ހެދުން ލުންފަދަ ކަންތައްތައް ހިމެނެއެވެ.
– މެންދުރު ނަމާދުގެ ކުރިން އަދާކުރަން ޖެހޭ އެފަދަ ކަންތައްތަކެއް ނުވެއެވެ.
– ހުކުރުނަމާދު ފާއިތުވާ މީހާއަށް، ދެން (އެދުވަހު) ހުކުރު ނަމާދެއް ނުކުރެވޭނެއެވެ. އޭނާ ކުރާނީ މެންދުރު ނަމާދެވެ.
– މެންދުރުނަމާދު (ޖަމާޢަތުގައި) ނުކުރެވުނު މީހާ ދެން މެންދުރު ނަމާދު ކުރާނީ ހަމަ އިމާމުމީހާ ކުރި ފަދައިންނެވެ. ޤަޞްރުކޮށް ނަމާދުކުރަން ޖެހޭ (ދަތުރުވެރިން) ފިޔަވައެވެ.
– ހުކުރު ނަމާދުގައި ސުންނަތް ގޮތަކީ އަޑު ހަރުކޮށް ކިޔެވުމެވެ.
– މެންދުރު ނަމާދުގައި ސުންނަތް ގޮތަކީ ސިއްރުން ކިޔެވުމެވެ.
– ހުކުރު ނަމާދުގެ ކުރިން ޚުޠުބާ ކިޔަން ޖެހެއެވެ.
– މެންދުރު ނަމާދުގެ ކުރިން ޚުޠުބާއެއް ނޯވެއެވެ.
– ހުކުރު ނަމާދު ފާއިތުވެއްޖެ ނަމަ މިސްކިތުގައި ވެސް އަދި އެހެން ތަނެއްގައި ވެސް އެ އިޢާދައެއް ނުކުރެވޭނެއެވެ.
– މެންދުރު ނަމާދުގެ ޖަމާޢަތް ފާއިތުވެއްޖެނަމަ މިސްކިތުގައި ނުވަތަ އެހެންތަނެއްގައި ވިޔަސް އެ އިޢާދަ ކުރެވޭނެއެވެ.
– ހުކުރުނަމާދަށް އަވަސްވެ ގަތުމަކީ އެކަމަށް ޙާއްޞަ ޘަވާބުތަކެއް ކަނޑައަޅުއްވާފައިވާ ކަމެކެވެ. އަދި އެކަމުގައި އެމީހަކު ކުރިއަރާދާ މިންވަރަށް ޚާއްޞަ ޘަވާބުތަކެއްވެސް ވެއެވެ. އަދި ހުކުރު ނަމާދަށް ކުރިން ދާ މީހުން ލިޔުއްވުމަށް މަލާއިކަތް ބޭކަލުން މިސްކިތުގެ ދޮރުތައް ކައިރީގައި ތިއްބަވައެވެ.
– މެންދުރު ނަމާދާ ބެހޭގޮތުން އެފަދައިން ވާރިދުވެފައި ނުވެއެވެ.
މި ނޫން ބައެއް ފަރަޤުތައް ވެސް ޢިލްމުވެރިން މިކަމުގައި ބަޔާންކުރައްވަ އެވެ.
މަސްދަރު: ދިސަލަފިއްޔާ